logoEN
ޚަބަރު

ފަނޑިޔާރުން ސިޔާސީ ވިސްނުން އިސްކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން - ޕީއެންސީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

05 މާރިޗު 2025 - 12:22

ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަންނަވާއިރުވެސް ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރެއްވުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއްނޫންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ޤާއިމުވެފައިވާ ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ، އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަގިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ތިން ބާރުގެ ތެރެއިން ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާދުރުން، ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދީ، އަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވެސް ވަނީ ބުނެފައެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ފަނޑިޔާރު ސުޢޫދާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް އަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިިގަނޑުތަގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް ޕީއެންސީން ބުނީ ޖިނާޢީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ ޖޭއެސްސީގެ އިޖުރާއަތުގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ކުރިއަށްދާތީ ހުއްޓަންޖެހޭ ކަމެއް ނޫން ކަމަށްވެސް އެޕާޓީން ބުންޏެވެ.ޕީއެންސީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ މުއައްސަސާއަކުން ޒިންމާ އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި، އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭގޮތަށް ރަނގަޅަށް ހިނގަމުންދިއުން ކަމަށް އެޕާޓީން ބުންޏެވެ.

ކޮމެންޓް

871x217_placeholder