logoEN
ޚަބަރު

އެޗްޑީސީ އާއި ސަލަފު ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އިފްތާރު ޕެކު ދޭން އެއްބަސްވުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

05 މާރިޗު 2025 - 18:50

މި ރޯދަ މަހު ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަލަފު ޖަމިއްޔާ ގުޅިގެން މަސައްކަތް ފަށައިފިއެވެ.

މިކަމަށް ދެ ފަރާތުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން، ރޯދަ މަހުގެ ކޮންމެ ދުވަހަކު ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް އިފްތާރު ޕެކް ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގެ ދަށުން އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައެވެ.

މި ޕްރޮގްރާމުގެ ކޯޑިނޭޓަރު މުހައްމަދު ޝުޖާއު ވިދާޅުވީ، "ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށް ވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް. ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވި ކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް" ކަމަށެވެ.

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމުގެ މަޤްޞަދަކީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން، ބަލި މީހުންނަށް ފަރުވާ ދިނުމަށް ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީވެސް މި ޕްރޮގްރާމުގެ އެއް މަޤްޞަދެވެ.

އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ކުންފުނީގެ އަމާޒަކީ ސީއެސްއާރުގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުޖުތަމައުއަށް ފައިދާ ހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު ރޯދަ މަހު އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމެވެ.

ކޮމެންޓް

871x217_placeholder