logoEN
ޚަބަރު

ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު އެސްޓީއޯއިން ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

09 މާރިޗު 2025 - 07:42

ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ.

2025 ވަނަ އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްޞަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ. މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު ހުރީ 40 އާއި 60 ރުފިޔާއާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފްތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެހެންކަމުން، އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ. އަދި މީގެ އިތުރުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ ހޯލްސޭލަރުންނަށް ހުޅުވާލާފައެވެ. މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ.ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެއެވެ. ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެއެވެ. އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުންނެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ.

އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެއެވެ. މިހާރު އެސްޓީއޯގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކޮމެންޓް

871x217_placeholder