logoEN
ޚަބަރު

އަޒްމިރަލްދާއާ ގުޅޭ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާނީ އާއްމުކޮށް ހުޅުވާނުލާ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

09 މާރިޗު 2025 - 16:34

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި ނަމަވެސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރަލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

ނިންމުމާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރަށް ފޮނުވި ސިޓީގައި ބުނީ އަޑުއެހުން ސިއްރުކުރީ އެ ކޮމިޝަނުގެ ތަހުގީގީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުން ކޮމިޝަނުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އެގޮތަށް ނިންމީ މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޖޭއެސްސީން މިހާރު ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މާދަމާ އޭނާ ހާޒިރުކުރެވެނީ މި މައްސަލައާ ގުޅިގެންނެވެ.ދެވަނަ މައްސަލައަކީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ ބައިވެރިވެވަޑައިގަތް މައްސަލައެވެ.

މި މައްސަލަތައް ބެލެމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

871x217_placeholder