މާދަމައިން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
10 މާރިޗު 2025 - 07:41

މާދަމައިން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިހާ ތަނަށް އައި އިރު މާލޭ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިއްޖެ ކަމަށެވެ.

Ad by Hajj Corporation
ވަޒީރު އިތުރަށް ވިދާޅުވީ ރޯދަ ހަދިޔާ މާލޭ ސަރަޙައްދުގައި މިހާރު ދޫކުރާ 13 މަރުކަޒުން، ރޯދަ ހަދިޔާ ދޫކުރާ އެންމެ ފަހު ރެއަކީ މިރޭކަމަށެވެ. މި ރެއަށްފަހު މިހާރު ރޯދަ ހަދިޔާ ދޫކުރާ 13 މަރުކަޒު ބަންދުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަންދުވިއަސް، މާލޭ ސަރަޙައްދުގައި ހުރި މިފްކޯގެ ފިހާރަތަކުން މާދަމައިން ފެށިގެން ރޯދަ ހަދިޔާ ލިބޭނެކަމަށާއި ނަމަވެސް ރޯދަ ހަދިޔާއަށް އެދެވޭނީ މިހާރެކޭ އެއްގޮތަށް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ރައްޔިތުންނަށް ކޮންމެ ރަމަޟާން މަހަކު ދެއްވަމުން އަންނަ ހަދިޔާއެކެވެ. މި އަހަރު ހަދިޔާގެ ގޮތުގައި ދެއްވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ.