އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ ސުޕަމެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފް
 މުހައްމަދު މޫސާ
މުހައްމަދު މޫސާ27 ސެޕްޓެމްބަރު 2025 - 09:37

އެމްޑީޕީގެ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަންތައް ސަމާލުކަމަށް ގެންނެވި ކަމަށާއި، އެއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން އެކަމާއި އަޅައިނުލާތިބީކަމަށް އެއިރުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އަދި މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނިން ހިންގާފައިވާ މާސިންގާ ވައްކަންތައް ހާމަވާ އޮޑިޓް ރިޕޯޓެއް މިހާރު އާންމުކޮށްފައިވާއިރު، ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރުން ދައުލަތް ފޭރިގަތުމުގެ މައްސަލަތަކާއި ވެންޓިލޭޓަރ ކޮރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންދިޔަ ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން އަޅާލާފައި ނުވާ ކަމަށެވެ.

Ad by Hajj Corporation
އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި މި މައްސަލަތަކުގައި ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާގެ ވައްކަން ހިމެނޭއިރު، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.
"އެމްޑީ ސަޢީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާ އަރަމުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަޙުޤީޤެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާ ދުވަހު އަޅާނުލާ ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށާއި، މި ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓު
25 ސެޕްޓެމްބަރު 2025 ގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 379 ޕަސެންޓަށް އިތުރުވެފައިވަނީ ކުންފުންޏަށް ލިބުނު އާމްދަނީ ނުވަތަ ދައުލަތުން ޓެރިފްލޮސްގެ ގޮތުގައި ދިން ފައިސާ ނުފުދިގެނެއް ނޫނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފެނަކައިގެ މާލީ ހާލަތު މިހާރު މި ހާލަތަށް ގޯސްވީ 2019 ވަނަ އަހަރުން ފެށިގެން މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ސަބަބުންނާއި، ކުންފުނީގެ މާލީ ހާލަތާ ނުބައްދަލު، އަދި އެ ވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކޮށްފައިވާތީއެވެ. އޮޑިޓަ ޖެނެރަލް ވިދާޅުވީ މިއީ "މެދުވެރިވި" ހާލަތެއް ނޫން ކަމަށާއި، "ކުރިމަތިކުރި" ހާލަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރިޕޯޓުން ފާހަގަވި ބައެއް މުހިއްމު ކަންކަން:
- އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އަޅަން މާކެޓް ރޭޓަށް ވުރެ 767.3 މިލިޔަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވުން،
- ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ގަންނަން ހޭދަވާނެ ފައިސާ އަށް ވުރެ 287 މިލިޔަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ. އަދި އާ ޖަނަރޭޓަރުގެ ނަމުގައި ގެނެސްފައިވަނީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތަކެއް،
- 2021 އާއި 2023 އާ ދެމެދު ފެނަކައިން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރީ ވާދަވެރި ބީލަމަކަށް ނުލައި، އުސޫލުން ބޭރުން،
- އެ މުއްދަތުގައި ހެދި 673 އެއްބަސްވުމުގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބަސްވުންތަކެއް، އެއީ ޖުމްލަ އެއްބަސްވުންތަކުގެ 65 ޕަސެންޓް،
- މި އެއްބަސްވުންތައް ހަދާފައިވަނީ އާންމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން ނިންމައިގެން،


