އާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް
14 މޭ 2026 - 06:15

ކުރީގެ ތިމާވެށްޓާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިގް އިބްރާހިމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާ ސަފީރަކަށް އަދި ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ގަތަރަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފެންނަ ގޮތަކަށް ކަނޑައަޅައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްޔާފައެވެ.

Ad by Hajj Corporation
އެއަށްފަހުގައި މަޖިލީހުގެ ރިޔާސަތުން ވަނީ އެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ޔޫއޭއީގެ ސަފީރަކަށް އެންމެ ފަހުން ހުންނެވީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު)އެވެ. އެ ގައުމުގެ ސަފީރުގެ މަގާމުން މުންދު ވަކިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ.
ގަތަރަށް ރާއްޖޭގެ ފަރާތުން ސަފީރަކު އައްޔަން މި ކުރަނީ މުޅިން އަލަށެވެ. ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގަ އެވެ. އެކަމަކު، މިހާތަނަށް އެ ގައުމަށް ރާއްޖެ އިން ސަފީރަކު އަދި ކަނޑައެއް ނާޅުއްވައެވެ.
ތޯރިގާއި އާދަމް ޝަރީފް މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.


