logoEN
ޚަބަރު

ދައުލަތުގެ ރިޒާވް ބޮޑުތަނުން މައްޗަށް

މުހައްމަދު މޫސާމުހައްމަދު މޫސާ

10 މާރިޗު 2025 - 12:37

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 179.1 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

ރަސްމީ ރިޒާވް ޖެނުއަރީ މަހުގެ ނިޔަލަށް ހުރި 708.1 މިލިއަން ޑޮލަރުން، ފެބްރުއަރީ މަހުގެ ނިޔަލަށް 832.1 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، ޖެނުއަރީ މަހުގެ ނިޔަލަށް 116 މިލިއަން ޑޮލަރުގައި ހުރި އަދަދު، ފެބްރުއަރީ މަހުގެ ނިޔަލަށް 179.1 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 54 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން، ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު ބޭނުންކުރެވޭ ރިޒާވަށް 63 މިލިއަން ޑޮލަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިން ބެންކަން ޑޮލަރު ވަންނާނެ މަގު ސަރުކާރުން ފަހިކުރުމުގެ ސަބަބުން މި ކުރިއެރުން އައިސްފައިވާ ކަމަށް އެފަރާތްތަކުން ދެކެއެވެ.

ދައުލަތުގެ ރިޒާވް މިފަދަ ބޮޑު މިންވަރަކަށް އިތުރުވުމަކީ ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ލިބޭ ހިތްވަރެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާވެ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެއެވެ.

ކޮމެންޓް

871x217_placeholder