logoEN
ޚަބަރު

ބޯކޮށްވާރޭވެހި ގުގުރާނެ، ހއ. އަތޮޅުން އއ. އަތޮޅަށް ހުދު ސަމާލު ނެރެފި

މުހައްމަދު މޫސާމުހައްމަދު މޫސާ

11 މާރިޗު 2025 - 01:58

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން، ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށެވެ.

މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އަދި ވިއްސާރައިގެ ސަބަބުން ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އިއްޔެ މެޓް އޮފީހުން ވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. މީގެ ސަބަބުން 11 އަދި 12 މާރިޗްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ އާންމު ރައްޔިތުންނަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެ އިދާރާއިން އެދިފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ރަސްމީ ޗެނަލްތަކަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder