އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ


25 ނޮވެމްބަރު 2024 - 12:46
މި މަހުގެ 27 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިއަދު އާންމުކުރި މޫސުމާބެހޭ ޚަބަރުގައި ބުނީ ރާއްޖޭގެ އިރުން އަދި އިރުދެކުނުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން، ބުދަ ދުވަހުން ފެށިގެން 5 ދުވަހު ރާއްޖޭގެ ވައި ބާރުވާނެ ކަމަށެވެ.
މި ކޮޅިގަނޑުތަކުގެ ސަބަބުން އެ ފަސް ދުވަހު މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފަވެއެވެ.
މި ދުވަސްތަކުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި، އުތުރާއި މެދު ރާއްޖެއަށް 13-23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ. ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން މި ދުވަސްތަކުގައި ކަނޑު ދަތުރުފަތުރާއި މޫދުގެ ޙަރަކާތްތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދަނީ ދެމޫސުން ބެދޭ ވިއްސާރަ ކަމަށެވެ.