logoEN
ކުޅިވަރު

ނައިބުރައީސްގެ ގޯލާއެކު މުއިވެޔޮ ފްރެންސް އަށް ބޮޑު މޮލެއް

ވެޓެރަންސް ލީގުގައި ނައިބު ރައީސް ކުޅުއްވަނީ. ފޮޓޯ: އެފް.އޭ.އެމް

ވެޓެރަންސް ލީގުގައި ނައިބު ރައީސް ކުޅުއްވަނީ. ފޮޓޯ: އެފް.އޭ.އެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

11 މާރިޗު 2025 - 07:32

އެފްއޭއެމް ވެޓަރެންސް ލީގުގައި އިއްޔެ ކުޅުނު މެޗުގައި މުއިވެޔޮ ފްރެންޑްސް އިން ސްޓެލްކޯ ކުލަބަށް 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފުގެ ކެޕްޓަންކަމުގައި ކުޅުނު މުއިވެޔޮ ފްރެންޑްސް އިން މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު، ނައިބު ރައީސް ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މުއިވެޔޮ ފްރެންޑްސް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި އަހުމަދު ސައީދު ޖެހި ގޯލުން މެޗުގެ ލީޑު ނެގުމަށްފަހު، ދެ މިނެޓު ފަހުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ.މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ފްރެންޑްސް އިން އިތުރު ތިން ގޯލު ކާމިޔާބުކުރިއެވެ. 38 ވަނަ މިނެޓުގައި އިބްރާހިމް ފުރުގާން ޖެހި ގޯލާއެކު، 46 ވަނަ މިނެޓުގައި އަބްދުﷲ ސުޖާއު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި އިބްރާހިމް ފުރުގާން ޖެހި ގޯލާއެކު މެޗު ނިމުނީ މުއިވެޔޮ ފްރެންޑްސް އަށް 5-0 ގެ ބޮޑު މޮޅަކާއެކުގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުއިވެޔޮ ފްރެންޑްސްގެ ޖާރޒީ ނަންބަރު 14 އަހުމަދު ސައީދެވެ. މި މޮޅާއެކު މުއިވެޔޮ ފްރެންޑްސް އިން ވަނީ ވެޓަރެންސް ލީގުގައި އިތުރު ތިން ޕޮއިންޓް ހޯދާފައެވެ.

ކޮމެންޓް

871x217_placeholder