logo
ދުނިޔެ

އެހީ ވެއްދުމަށް ހުރަސްއަޅާތީ ޔަހޫދީންގެ އާގުބޯޓުފަހަރަށް ހޫތީން އަނެއްކާވެސް ހަމަލާ ދެނީ

އާމިނަތު ޝަފާ
12 މާރިޗު 2025 - 17:03
އެހީ ވެއްދުމަށް ހުރަސްއަޅާތީ ޔަހޫދީންގެ އާގުބޯޓުފަހަރަށް ހޫތީން އަނެއްކާވެސް ހަމަލާ ދެނީ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުއްދަ ދިނުމަށް ހޫތީން ދިން މުއްދަތު ހަމަވުމާއެކު، އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާދޭން ފަށާނެ ކަމަށް ޔަމަނުގެ ހޫތީން އިއުލާނުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަތު ކަނޑުގައި އިސްރާއީލުގެ އުޅަނދުތައް ދަތުރުކުރުން މަނާކުރާނެކަމަށެވެ. މިގޮތަށް ނިންމީ ހުކުރު ދުވަހު ހޫތީން އިއުލާނުކުރި މުއްދަތު ހަމަވިއިރުވެސް އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަ ނުދިނުމުންކަމަށް ހޫތީން ބުންޏެވެ.
އިރާނާ ގުޅުން އޮންނަ ޔަމަނުގެ ހޫތީން ބުނެފައިވަނީ މި އަސްކަރީ ހަރަކާތް ހިނގާނީ ރަތް ކަނޑާއި، އަރަބި ކަނޑާއި، ބާބުލް މަންދަބު ކަނޑުއޮޅިއާއި އަދި އަދަން ކަނޑުގައިކަމަށެވެ.
ޔަމަނުގެ އެންމެ ފަގީރު ސަރަހައްދުތަކުގެ ގިނަ ބައެއް ކޮންޓްރޯލްކުރާ ހޫތީން، އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދިޔަ ދުވަސްވަރު މި ސަރަހައްދުގެ ކަނޑުމަގުން ހަމަލާތައް ދެމުންދިޔައެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ހޫތީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް އަމާޒު ކޮށް 100އަށް ވުރެ ގިނަ ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި ދެ އުޅަނދު ފައްތާލައި އިތުރު އުޅަނދެއް ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ހަރަދު ވެސް އިތުރުވެގެން ދިޔައެވެ.
ޖެނުއަރީ މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލި އިރު، ހޫތީންވެސް އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކަށް ޑްރޯން އާއި މިސައިލް ހަމަލާ ދިނުން ހުއްޓާލިއެވެ.
ހޫތީންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދެންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޫތީން މިހާރުވެފައިވަނީ ޔަހޫދީންނަށް ހުރި ބޮޑު ނުރައްކަލަކަށްކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމަނުގެ ބޮޑުވަޒީރާއި ބައެއް ވަޒީރުން ޝަހީދުކޮށްލުން: ބަދަލު ހިފާނެކަމުގެ އިންޒާރު ދީފިދުނިޔެ | 7 ދުވަސް ކުރިންއެހީ ވެއްދުމަށް ހުރަސްއަޅާތީ ޔަހޫދީންގެ އާގުބޯޓުފަހަރަށް ހޫތީން އަނެއްކާވެސް ހަމަލާ ދެނީދުނިޔެ | 6 މަސް ކުރިން