އައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 1,000 ކިލޯވޮޓުގެ އިންޖީނެއް

އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކައިން ރޭ އައްޑޫ ސިޓީއަށް ގެނައި 1،000 މެގަވޮޓުގެ އައު އިންޖީނު--ފޮޓޯ: ފެނަކަ

13 މާރިޗު 2025 - 08:54
އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 1،000 ކިލޯވޮޓުގެ އައު އިންޖީނެއް އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ.
ފެނަކައިން މައުލޫމާތުދޭ ގޮތުގައި މި އިންޖީނު ވަނީ ރޭގެ ވަގުތެއްގައި ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ވައްދައި، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އިތުރު 1،800 ކިލޯޯވޮޓުގެ އައު އިންޖީނެއް މާލޭ ބަންދަރަށް ގެނެވިފައިވާ ކަމަށާއި، އެ އިންޖީނު އަންލޯޑުކޮށް އައްޑޫއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ވެސް ފެނަކައިން މައުލޫމާތުދެއެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ރަމަޟާން މަހުގެ ކުރިންނާއި، މި ރަމަޟާން މަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފެނަކައިން ވަނީ ފަސް އިންޖީނު ގެއެއްގެ މޭޖާ ސަރވިސްތައް ކޮށް، ތިން އިންޖީނެއްގެ އޯވަހޯލް މަސައްކަތް ކޮށް، 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތް ކޮށްފައިވެއެވެ.
މިއާއެކު އަށް އިންޖީނަކަށް ބޭނުންވާ ސްޕެއަރ ހޯދައިފައިވާ ކަމަށާއި، މިހާރު މަރާމާތުގެ މަސައްކަތް ކުރަމުން ދަނީ 3 ނަންބަރު 1،800 ކިލޯވޮޓުގެ އިންޖީނަކާއި، 18 ނަންބަރު 1،600 ކިލޯވޮޓުގެ އިންޖީނުގެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
މި މަސައްކަތްތަކަށް ފެނަކާގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޓެކްނިކަލް ޓީމުން އެވަރެޖްކޮށް ދުވާލަކު 18 ގަޑިއިރު މަސައްކަތްކޮށްފައިވާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން މިފަހުން ވަނީ ބުނެފައެވެ. ނަމަވެސް މި މަސައްކަތަށް ރާއްޖެއިން ބޭރުން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.