އިންޑިޔާ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ދިވެހި ފުޓްބޯޅަ ޓީމު ފުރައިފި
15 މާރިޗު 2025 - 13:04

އަންނަ ބުދަ ދުވަހު އިންޑިއާގެ ޝިލޮންގުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިއަދު ދެ ގްރޫޕަކަށް ބަހާލައިގެން ފުރައިފިއެވެ.
ގައުމީ ޓީމަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ ފުރަތަމަ ގްރޫޕު ފުރީ މިއަދު ހެނދުނުއެވެ. ފްލައިޓުގައި ޖާގަ ނުލިބުމުގެ ސަބަބުން ދެވަނަ ގްރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުއެވެ. ނަމަވެސް މެޗު ކުޅޭ ސަރަހައްދަށް ދަތުރުކުރާނީ ހުރިހާ ކުޅުންތެރިން އެއްކޮށެވެ.

Ad by Hajj Corporation
އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ޝިލޮންގުގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. މި މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގ މެޗުތަކުގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗެކެވެ.
ޓީމު ފުރުމުގެ ކުރިން ކުރި ފަރިތަކުރުންތަކަށްފަހު ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ވިދާޅުވީ "ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ކޮންޑިޝަނެއްގައި، އަދި އެ ކުޅުންތެރިންނާ މެދު ވަރަށް ބޮޑު އުއްމީދުތަކެއް އެބަހުރި" ކަމަށެވެ.
އިންޑިއާގެ މެޗަށްފަހު ރާއްޖެ ދެން ނުކުންނާނީ މި މަހުގެ 25 ގައި ފިލިޕީންސްގައި އެ ގައުމާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން މަހު އީސްޓް ޓިމޯއާ ދެކޮޅަށާއި އޮކްޓޫބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗު ސުޒެއިން ފާހަގަކުރެއްވި ގޮތުގައި މި ތިން މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ 2027 ވަނަ އަހަރުގެ އޭޝިއަން ކަޕުން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.