ތޮއްޑޫގައި ފަތުރުވެރިޔަކު ބަރަހަނާކޮށް، ސީނަށް ދިޔަ ފުލުހުންނަށް ކުރީ އަނިޔާ

18 މާރިޗު 2025 - 02:04

އއ. ތޮއްޑޫގައި ބަރަހަނާވެގެން އުޅެ، ފުލުހުންނަށް އަނިޔާކުރި ރަޝިއާގެ ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ތޮއްޑޫގެ ވަޅުމަގު ބީޗުގައެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ޒިޔާރަތްކޮށްފައިވާ ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅޭކަމަށެވެ.
މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން ސީނަށް އެޓެންޑުވެފައެވެ. ނަމަވެސް، ފުލުހުން ސީނަށް ދިޔުމުން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އަނިޔާކޮށް، އަދި ފުލުހުންގެ ވެހިކަލަށްވެސް ގެއްލުން ދީފައެވެ.
މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ މިހާރު ދަނީ ފުލުހުން ތަޙުޤީޤުކުރަމުންނެވެ.