ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު، އަދި ސިޓީ ކައުންސިލްތަކަށް


20 މާރިޗު 2025 - 06:17
ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު، އަދި ސިޓީ ކައުންސިލްތަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް ވުޒާރާއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ.
މި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 (އެއްލައްކަ) ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައެވެ.
މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތި މިހާރު ވަނީ ރާއްޖެއަށް ލިބިފައިކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. މި ތަކެތީގެ ތެރެއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ޙަވާލުކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއެވެ. ވުޒާރާއިން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށްކަމަށެވެ. މި ގޮތަށް ޢަމަލު ކުރުމަށް ނިންމީ ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި މިވުޒާރާއަށް އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާތީކަމަށާއި އަދި ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާކަމަށްވުމާއިއެކު، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމަކަށްވާތީކަމަށްވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، މި ޕެކޭޖުގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރއާއި، ދޫނިރޯގާ (އޭވިއަން އިންފުލޫންޒާ) ވައިރަސް ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
މީގެއިތުރުން، ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހިސްޕައިން ބީޓްލްއަށް ޙަމަލާދޭ ނެޗްރަލް އެނެމީ (ޕެރަސިޓޮއިޑު) އާލާކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް) ގެ ޓީމެއް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭ ހަދައިފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް އެންމެ ބޮޑަށް ގެއްލުން ސޫތްޕެއްކަމަށްވާ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމުގައި އިދާރީގޮތުން ބޭނުންކުރެވޭ އެކުވި ގޮތްތަކުގެ ތެރެއިން ގުދުރަތީގޮތުން ޕެސްޓަށް ޙަމަލާދޭ، ގަސްގަހާގެއްސަށް ފައިދާހުރި ސޫތްޕެއްކަމަށްވާ ލާވަލް ޕެރެސިޓޮއިޑް 'އެސިކޯޑްސް ހިސްޕިނާރަމް' އާލާކުރުމަށްފަހު ކޮކޮނަޓް ހިސްޕައިން ބީޓްލް އަށަގެންފައިވާ ރުއްތަކަށް ދޫކުރުމެވެ.
އިތުރު ލިޔުންތައް
