ފަޅުގައި އޮންނަ އުޅަނދުތައް ބަލަހައްޓަން ފަޅުވެރިން ނެތްނަމަ ފިޔަވަޅު އަޅާނަން
20 މާރިޗު 2025 - 06:49

ފަޅުގައި އަޅާފައި އޮންނަ ކަނޑު އުޅަނދުފަހަރު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް ފަޅުވެރިން ނެތި، އެ އުޅަނދެއް ދޫކޮށްފައިދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނީ މިހާރަކަށްއައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation
ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެއްކަމަށެވެ.
އަދި މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
މިފަހުން މިގޮތަށް އަޅާފައިވާ އުޅަނދުތަކުންނާއި ޕާކްކޮށްފައިވާ ސައިކަލުތަކުގެ މަޑިދަށުން ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެ ފުލުހުންވެސް ވަނީ މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިކޔުރުމުގެ ޕްރޮގްރާމުތައްވެސް ކުރިއަށް ގެންގޮސްފަައެވެ.