ޔަހޫދީންގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ޝިން ބެޓްގެ ވެރިޔާގެ ސީރިއަސް ތުހުމަތުތަކެއް ނަތަންޔާހޫއަށް


21 މާރިޗު 2025 - 08:00
ވަކުކުރުމަށް ނިންމާފައިވާ ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް- އިސްރާއީލުގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ކަމުގައިވާ ޝިން ބެޓްގެ އިސްވެރިޔާ ރޯނެން ބާ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އޭނާ މަގާމުން ވަކިކުރަން ނިންމާފައިވާކަމަށް ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއުލާނުކޮށްފައެވެ. ނަތަންޔާހޫގެ ބަޔާނުގައި ބުނެފައިވަނީ ރޯނެން ބާ ވަކިކުރުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވި ވަޒީރުން އިއްތިފާޤުންކަމަށެވެ. އަދި އޭޕްރީލް 10 ގައި އޭނާ ވަޒީފާއިން ވަކިވާނެކަމަށް ނަތަންޔާހޫވަނީ ބުނެފައެވެ.
ރޯނެން ބާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިމިވަނީ އޭނާއާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ބެންޖަމިން ނަތަންޔާހޫ ވާހަކަދެއްކިތާ ހަފްތާއެއްގެ ފަހުންނެވެ. އޭނާގެ މަގާމުގެ ދައުރު ނިމެން އޮތީ އަންނަ އަހަރުގައެވެ.
ނަތަންޔާހޫގެ މި ނިންމުމާ ދެކޮޅަށް ފާއިތުވި3 ދުވަހު ޔަހޫދީން އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވާއިރު އިހުތިޖާޖުކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ އިސްރާއީލުގެ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
ރޯނެން ބާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އޭނާގެ އޭޖެންސީން ތައްޔާރުކުރި ރިޕޯޓެއްގައި ހަމާސްގެ ހަމަލާ ހުއްޓުވުމަށް ޝިން ބެޓުން ފެއިލްވި ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ. އަދި މި ރިޕޯޓުގައި ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ހަމާސްއަށް ހަތިޔާރު އެއްކުރުމުގެ ފުރުސަތު ލިބުނު ކަމަށް ބުނުމާ ގުޅިގެންނެވެ.
މިއަދު ރޯނެން ބާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ސަރުކާރުގެ މުއައްސަސާތައް ރޫޅާލަމުންދާ ކަމަށާއި، އޭނާއާ ދެކޮޅަށް އަޑުއުފުލާ އިސް އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެފައެވެ.
އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ނެތަންޔާހޫ ވަނީ އިސް މަޤާމުތަކުގައި ތިބި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް ނުވަތަ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވާފައިކަމަށާއި އަދި އޮކްޓޯބަރު 7 ގައި ހަމާސްއިން ޔަހޫދީންނަށް ދިން ހަމަލާ އާއި އޭގެ ފަހުން ޔަހޫދީންނަށް ދިމާވި ހުރިހާ ނާކާމިޔާބީތަކެއް ބެލުމަށް މިނިވަން ތަޙްޤީޤީ ކޮމިޝަނެއް އުފެއްދުމަށް ނެތަންޔާހޫ އިންކާރުކުރަމުން އަންނަ ކަމަށްވެސް ރޯނެން ބާ ވަނިީ ބުނެފައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައިވެސް ނެތަންޔާހޫ ފުލުހުންނާއި އިންޓެލިޖެންސް ދާއިރާ ބަލިކަށިކުރަމުންދާ ކަމަށާއި ނެތަންޔާހޫ ބޭނުންވަނީ މަޝްވަރާކުރަން އެކަނި ކަމަށާއި އެއްބަސްވުން ތަންފީޒުކުރަން ނޫންކަމަށް އޭނާވަނީ ބުނެފައެވެ.
ރޯނެން ބާ ގެ މި ތުހުމަތުތަކަކީ އިސްރާއީލުގެ އެތެރޭގެ ހަމަނުޖެހުން އިތުރުވެދާނެ ފަދަ ނުރައްކާތެރި ތުހުމަތުތަކެއް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. މި މައްސަލައާ ގުޅޭގޮތުން ނަތަންޔާހޫގެ އޮފީހުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ ޝިން ބެޓްގެ ވެރިޔާގެ ބަސްތަކުން ނަތަންޔާހޫގެ ދެފުއްދެގޮތްކަން ސާބިތުވެއްޖެކަމަށާއި ނެތަންޔާހޫއަކީ ކުރިންވެސް އަދި މިހާރުވެސް އެއްބަސްވުމާއި އަސީރުން ދޫކޮށްލުމަށް އޮތް ހުރަސް ކަމަށް ހަމާސްއިންވަނީ ބުނެފައެވެ.މީގެ އިތުރުން ހަމާސްއިން ބުނެފައިވަނީ އިންޓެލިޖެންސް ވެރިޔާ ވަޒީފާއިން ވަކިކުރުމުން ދޭހަވަނީ ނަތަންޔާހޫއާއި އޭނާގެ ސަލާމަތީ ބާރުތަކާ ދެމެދު އޮތް ހަމަނުޖެހުން އިތުރަށް ބޮޑުވަމުންދާކަންކަމަށް ހަމާސްއިންވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
3 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
2 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
މަހެއް ކުރިން