އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ފުރަތަމަ މެޗަށް ގައުމީ ޓީމް ފިލިޕީންސް އަށް ފުރައިފި
22 މާރިޗު 2025 - 06:37

އޭޝިއަން ކަޕަށް ކޮލިފިކޭޝަން މެޗެެއް ޕިލިޕީންސް އާއި ދެކޮޅަށް ކުޅުމަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމް މިއަދު ފިލިޕީންސްއަށް ފުރައިފިއެވެ. 2027 ވަނަ އަހަރުގައި ސަޢޫދީ އަރަބިއްޔާގައި ބާއްވާން ހަމަޖެހިފައިވާ އޭޝިއަން ކަޕު ކިފިކޭޝަން ރާއްޖޭގެ ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ.
ކޮލިފައިންގެ ހަ މެޗުގެ ތެރެއިން ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު އޮތީ ރަށުން ބޭރުގައެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ރާއްޖޭގައި ކުޅޭ ދެވަނަ މެޗު ނޮވެމްބަރު 18 ގައި ފިލިޕީންސްއާ ކުޅޭއިރު، އަންނަ އަހަރުގެ މާޗް 31 ގައި އީސްޓް ޓިމޯއާ ބައްދަލުކުރާނީ ކޮލިފިކޭޝަންގައި ރާއްޖޭގައި ކުޅޭ އެންމެ ފަހު މެޗެވެ.
ރާއްޖޭގެ ބޮޑު ފުޓްބޯޅަ މެދުކެނޑިފައި އޮންނަތާ އަހަރެއް ފަހުން، މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ އިންޑިއާއާ ދެކޮޅަށް މިދިޔަ ހަފްތާގައި އެކުވެރިކަމުގެ މެޗެއް ކުޅެ، 3-0 އިން ބަލިވެފައެވެ. ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި މިވަޤުތުގައި ހުރީ އަލީ ސުޒޭން އެވެ.
ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ އިތުރު ވަގުތު ކުޅެ 3-2 އިން ބަލިވެފައެވެ.
ގްރޫޕްގެ އަނެއް ޓީމް ކަމަށްވާ ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ވަނީ މީގެ ކުރިން ތިން މެޗެއް ކުޅެފައެވެ. އެގޮތުން 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 3-0 އިން ބަލިވެ، 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވެ، 2015 ވަނަ އަހަރު 2-0 އިން ބަލިވެފައިވެއެވެ.