ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީ
29 ޖޫން 2025 - 05:54

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގ މަރުހަލާގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން މިއަދު ކުޅޭ ފުރަތަމަ މެޗުގައި ވިއެޓްނާމްއާ ދެކޮޅަށް މިއަދު ހަވީރު 5:00 ގައި ނިކުނާނެއެވެ. މި މެޗު ކުޅޭނީ ވިއެޓްނާމްގެ ވިއެޓް ޓްރީ ސްޓޭޑިއަމްގައެވެ.
ގްރޫޕް އީގައި ރާއްޖެ ހިމެނިފައިވަނީ ވިއެޓްނާމް، ގުއަމް އަދި ޔޫއޭއީއާ އެކުގައެވެ. ޓީމުގެ އަލަށް އައްޔަންކުރެވުނު ކޯޗް އަހްމަދު އާތިފް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި ޓީމުން ވަނީ މަހެއްހާ ދުވަހު ކޮންމެ ދުވަހަކު ތަމްރީނު ކުރިއަށް ގެންގޮސްފައެވެ.
ދުނިޔޭގެ ރޭންކިންގ ގޮތުން 37 ވަނައިގައި އޮންނަ ވިއެޓްނާމްއާ އެކު މިއަދު ކުޅޭ މެޗަށްފަހު، ޖުލައި 2 ގައި ރާއްޖެ ބައްދަލުކުރާނީ 97 ވަނައިގައި އޮންނަ ގުއަމްއާ އެވެ. އެއަށްފަހު ޖުލައި 5 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ 117 ވަނައިގައި އޮންނަ ޔޫއޭއީއާ އެވެ. ރާއްޖެ މިވަގުތު ދުނިޔޭގެ ރޭންކިންގައި 163 ވަނައިގައެވެ.
2026 ވަނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އަންހެނުންގެ އޭޝިއަން ކަޕަށް ކޮލިފައިވާނީ ގްރޫޕްގެ އެއްވަނަ ޓީމެވެ. މި މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ ތެރެއިން ޗައިނާ، ސައުތު ކޮރެއާ، ޖަޕާން އަދި ވެރިޤައުމު އޮސްޓްރޭލިއާ ވަނީ މިހާރު ކޮލިފައިވެފައެވެ.
2026 ވަނަ އަހަރުގެ މާރިޗު 1 ގައި ފެށޭ އޭއެފްސީ އަންހެނުންގެ އޭޝިއަން ކަޕަކީ 2027 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ އަންހެނުންގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބޭއްވޭ އެންމެ ފަހުގެ ކޮންޓިނެންޓަލް ކޮލިފައިން މުބާރާތެވެ.