މިރޭ އަރތް އަވަރ ފާހަގަ ކުރަނީ؛ އެދެނީ އެވަގުތު ހުރިހާ ދިއްލުންތައް ނިއްވާލުމަށް


22 މާރިޗު 2025 - 14:31
ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ފާހަގަކުރާ އާރތް އަވަރ މިރޭ ބޭއްވުމަށް ނިންމާފައިވާއިރު، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އެދެނީ އެވަގުތު ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް އެ ގަޑިއަށް ނިއްވާލުމަށެވެ.
އަރތް އަވަރ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗު ވަނަ މަހުގެ 22 ވަނަ ދުވަހުއެވެ. މި އަހަރުގެ އަރތް އަވަރ ދުވަސް ދިމާވެފައި މިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ދުވަސް ފާހަގަކުރަން، އަރތް އަވަރ ހަރަކާތް ހިންގަން ހަމަޖެހިފައިވަނީ، މިރޭ 09:45 އިން 10:45 އަށެވެ. އެހެންކަމުން ވުޒާރާއިން ވަނީ މި ހަރަކާތައް އެއްބާރުލުންދީ އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުމަށް އެދިފައެވެ.
މި ހަރަކާތަކީ، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓަށް ރަމްޒީ 'ލައިޓް އައުޓް' ވަގުތު ކޮޅެއްގައި ބައިވެރިވެ، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.
ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން، މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަރތު އަވަރ އާ ގުޅިގެން ހިންގޭ ހަރަކާތްތަކުގެ ވީޑިއޯ އާއި ފޮޓޯ މީސްމީޑިއާގައި ޕޯސްޓްކޮށްދެއްވުމަށް ވަނީ އެދިފައެވެ.
އިތުރު ލިޔުންތައް

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހުށަހަޅައިފި
2 މަސް ކުރިން
32 ރަށެއްގައި ވެމްކޯގެ ޚިދުމަތް ގާއިމްކުރަން ސޮއިކޮށްފި
2 މަސް ކުރިން
75 ރަށެއްގައި ކުނި މެނޭގުކުރާ މަރުކަޒުތަކުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފި
2 މަސް ކުރިން