5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: 7 އަތޮޅަކަށް ހައިވަކަރު ގަސް ބަހަނީ
4 ސެޕްޓެމްބަރު 2025 - 16:26

ސަރުކާރުން އިޢުލާނުކޮށްފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ 7 އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ، ފ، ނ، ލ، ތ، ގއ އަދި ގދ. އަތޮޅުގެ ރަށްތަކަށްކަމަށެވެ.

Ad by Hajj Corporation
ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށާއި ހައިވަކަރު ގަސްތަކަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި ގަސްތަކެއްކަމަށެވެ.
5 މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. އެމްޓީސީސީގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމަކީ، ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ފައިދާ ލިބިގެންދާނެ ކަމެއްކަމަށާއި މިކަމުގެ ސަބަބުން ރަށްތަކުގެ ފެހިކަން އިތުރުވެ، ރީތި މާހައުލެއް ޤާއިމުވެގެން ދާނެ ކަމަށް އުންމީދު ކުރާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 658,294 ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން މި މަޝްރޫއުއަށް އެހީތެރިވުމުގެ ގޮތުން، ގަސްގަހާގެހި ބެލެހެއްޓުމަށް ޚާއްސަ ނަރުސަރީއެއް ޤާއިމުކުރުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
ނާސަރީއެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ޚާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް މި ނާރސަރީގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ.