7 ރަށެއްގެ އަވިން ހަކަތަ އުފައްދާ ނިޒާމު ނިމުމަކާ ގާތަށް
18 މާރިޗު 2026 - 06:22

ކުޅުދުއްފުށި ސިޓީ ހިމެނޭހެން 7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް މަޤުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ޤައުމުގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
"ޕަވަރ ޕަރޗޭސް އެގްރީމަންޓް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހުރީ އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާގައިކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައި ވެއެވެ. މީގެ އިތުރުން، ވަކި އީ.ޕީ.ސީ ކޮންޓްރެކްޓްތަކެއްގެ ދަށުން ކުރިއަށްދާ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްގެ މަސައްކަތްތައްވެސް މި ހަތް ރަށުގައި ކުރިއަށްދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ. ކުޅުދުއްފުށި ހިމެނޭހެން މި މަސައްކަތް ކުރަމުންދަނީ ބ. އޭދަފުށި، ޅ.ހިންނަވަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ހުޅުދޫއާއި މީދޫގައެވެ.
މީގެ އިތުރުން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ހިއްސާ ހިމެނޭ މި އިންވެސްޓްމަންޓްތަކަކީ އެވުޒާރާގެ ތަންފީޒުކުރަމުންދާ "އެސްޕަޔަރ" އަދި "އެރައިޒް" މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 21 ރަށެއްގައި 43 މެގަވޮޓްގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމުގެ އިތުރުން، ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް އެވުޒާރާއިން ބުނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ޕްރި ޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން، ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމު، މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވެއެވެ. ޕޮއިސްޑް ޕްރޮގްރާމަކީ، ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ، 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ad by Hajj Corporation


