logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ކުޅުދުއްފުށީ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް!

އިސްމާޢިލް ރާތިޢު
20 ފެބްރުއަރީ 2026 - 06:21
ކުޅުދުއްފުށީ ފެނުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައަށް!

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިއާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ އާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މިމަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެތެރެއިން މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓް ކޮމިޝަން ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަޝްރޫޢުގައި ބޭނުންކުރާ ސޯލާ ޕެނަލްތަކަށް ބޭނުންވާ ބެޓަރީ ސިސްޓަމްތައް ހަރުކޮށްނިންމާފައިވާކަމަށާއި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދާކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މިޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރާނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިޔުއެސްސީންނެވެ. އެގޮތުން މިޚަރަދުތައް ކުރަނީ ކުންފުނީގެ ކޭޝްފްލޯ އާއި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިންގގެ އެހީގައި ކަމަށާއި، ބާކީ ޚަރަދުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

މިމަޝްރޫޢަކީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދެވޭނެފަދަ މަޝްރޫޢެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ފެން އުފެއްދުމުގެ ނިޒާމުތައް ރަށްރަށުގައި ޤާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދު މަގާމުން ވަކިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންދަނޑިވަޅުގެ ބޭނުން ހިފާ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ރާއްޖެ ގެންނަންޖެހޭ: ރައީސް ޚަބަރު | 8 ދުވަސް ކުރިން7 ރަށެއްގެ އަވިން ހަކަތަ އުފައްދާ ނިޒާމު ނިމުމަކާ ގާތަށްޚަބަރު | 20 ދުވަސް ކުރިން"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | މަހެއް ކުރިން