ކުޑަރިކިލުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރަނީ
9 ޖެނުއަރީ 2026 - 06:03

މާޅޮސްމަޑުލު ދެކުނުބުރި ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމުު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިންް ބުނެފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް 352 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 618 ކިލޯވޮޓް އަވާގެ ބެޓެރި އެނާރޖީ ސްޓޯރޭޖު ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމުން ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިމަޝަރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 165,189 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫއަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ad by Hajj Corporation
މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެެވެ. ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.


