ގދ. އަތޮޅުގައި ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ހިއްސާކޮށްފި
29 އޯގަސްޓު 2025 - 03:58

ގދ. އަތޮޅުގައި ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ހިއްސާކޮށްފިއެވެ.
މިނިސްޓްރީންވަނީ ގދ. އަތޮޅު ކައުންސިލާ ބައްދަލުކޮށް، އަތޮޅުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާއި، މިހާރު ދިމާވެފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގދ. އަތޮޅަށް ޚާއްސަވެފައިވާ ތަރައްޤީގެ ދާއިރާތަކާއި، އަތޮޅަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ އިތުރުން، އާ ރޮނގުތަކުން ތަރައްޤީގެ މަޝްރޫޢުތައް ފެށުމަށް ހުރި ފުރުޞަތުތަކާގުޅޭގޮތުންނެވެ.

Ad by Hajj Corporation
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ގދ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި މިނިސްޓްރީން ދެމުންގެންދާ އެއްބާރުލުމުގެ ދަށުންނެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ފާހަގަކޮށްފައެވެ. އަދި އަތޮޅަށް އާ އިންވެސްޓްމަންޓްތައް ގެނެސް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ހުރި ހެޔޮ ބަދަލުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިނިސްޓްރީން ބުނެފައިވަނީ، މި މަޝްވަރާތަކުގެ ތެރެއިން އަތޮޅުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މިނިސްޓްރީން އަބަދުވެސް އަތޮޅު ކައުންސިލްތަކާއި ގާތުން މަސައްކަތްކުރުމަށް ތައްޔާރުކަމުގައި ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.