logoEN
ދުނިޔެ

އިސްރާއީލުން ހަމާސްގެ ސިޔާސީ ލީޑަރަކު ޝަހީދުކޮށްލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

23 މާރިޗު 2025 - 06:34

ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހަމާސްގެ ސިޔާސީ ލީޑަރަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނަށް ޚާން ޔޫނިސްގެ ސަރަހައްދަށް ވައިމަގުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައިވަނީ ހަމާސްގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ސަލާހް އަލް-ބަރުދަވީލްއެވެ. ހަމާސްގެ އޮފިޝަލުންވަނީ ސަލާހްގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ހަމަލާގައި ޝަހީދުވިކަން ކަށަވަރުކޮށްދެއްވާފައެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ބަރުދަވީލް ޝަހީދުކޮށްލާފައިވަނީ އޭނާ އާއި އޭނާގެ އަނބިކަނބަލުން ޚާން ޔޫނިސްގެ ޓެންޓެއްގައި ނަމާދަށް ހުންނަވަނިކޮށް މިސައިލު ހަމަލާއެއް ދީގެންނެވެ.

މިހަމަލާގައި މި ދެ ބޭފުޅުންގެ އިތުރުން އިތުރު 23 މުސްލިމުންވަނީ ޝަހީދުވެފައެވެ.

މިކަމާ ގުޅިގެން ހަމާސްގެ މީޑިއާ އެޑްވައިޒަރު ޠާހިރު އަލް-ނޫނު ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ބަރުދަވީލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.ހަނަގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުނުކޮށް އިސްރާއީލުން އަނެއްކާވެސް ހަނގުރާމަ ފަށާފައިވާއިރު މިއަދު ފަތިހުގެ ވަގުތުގައި ޣައްޒާގެ އުތުރާއި، މެދުތެރެ އަދި ދެކުނުގެ ސަރަހައްދުތަކަށް ޔަހޫދީން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދު ހެނދުނުގެ ވަގުތުތަކުގައި ޔަހޫދީންގެ މަދަދުގާރު އެމެރިކާއިންވަނީ ޔަމަނުގެ ހުދައިދާގެ ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރަށް ހަމަލާދީ، އަދި މާރިބް އަދި ސަޢާދާ ސަރަހައްދުތަކަށް ހަމަލާދީފައެވެ.

އަދި ޔަހޫދީ ސިފައިން ވަނީ ލުބުނާނުގެ ސަރަހައްދުތަކަށް ހަމަލާދީ 7 މީހަކު ޝަހީދުކޮށްލާފައެވެ. މި ހަމަލާއާ ގުޅިގެން، 4 މަސްކުރިން ހިޒްބުއްﷲއާއެކު ޔަހޫދީން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނުރައްކާވެދާނެ ކަމަށް ބެލެވޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓް

871x217_placeholder