ޕާކިސްތާން ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް، ތަހުނިޔާ ފޮނުއްވައިފި
23 މާރިޗު 2025 - 14:07

ޕާކިސްތާން ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި, ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ.
ޕާކިސްތާން ޑޭ ފާހަގަކުރަނީ، އެ ޤައުމުން އިސްލާމީ ޖުމްހޫރިއްޔަތަކަށް ވާސިލުވުމަށް ކުރި ދަތުރުގެ ތެރެއިން، ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެއް ފާސްކޮށް ޢަމަލުކުރަން ފެށުން އިހުތިފާލުކުރުމުގެ ގޮތުންނެވެ.

Ad by Hajj Corporation
ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވެސް ވަނީ ތަހުނިޔާގެ މެސެޖު ފޮނުވާފައެވެ.
އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙުތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށްކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާ ވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ވަޒީރުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މެސެޖް ނިންމާލައްވަމުން ވަޒީރު ޑރ. ޚަލީލު ވިދާޅުވީ ބޮޑު ވަޒީރު މުހައްމަދު އިޝާގް އަށް ދުޅަހެޔޮ ސިއްހަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.


