ކޯޓުއާ އަށް އަނިޔާވެއްޖެ
24 މާރިޗު 2025 - 05:45

ރިއަލް މެޑްރިޑްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އަށް ފަލަމަސްގަނޑުގެ އަނިޔާއެއް ވެގެން ރޭގައި ބެލްޖިއަމް ނޭޝަންސް ލީގުގައި ކުޅުނު މެޗުން ވަނީ ބާކީކޮށްފައެވެ.
ބެލްޖިއަމްގެ ގައުމީ ޓީމާއެކު ދެ އަހަރު ފަހުން އަނބުރާ ގުޅުނު ކޯޓުއާ އަށް މި އަނިޔާވީ ވޯމްއަޕްގެ ތެރޭގައެވެ. މީގެ ކުރިން ޔުކްރެއިނާ އާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމް ވަނީ 3-1 އިން ބަލިވެފައެވެ.

Ad by Hajj Corporation
މި ސީޒަނުގައި ކޯޓުއާ އަށް އެންމެ ބޮޑު އަނިޔާއެއް ވެފައިވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ. އޭރު އޭނާގެ އެޑަކްޓަރ އަށް ވީ އަނިޔާއާ ގުޅިގެން ޗެމްޕިއަންސް ލީގްގެ ދެ މެޗަކާއި ލަ ލީގާގެ ތިން މެޗެއްގައި ބައިވެރިއެއް ނުވެވުނެވެ. މީގެ ތެރޭގައި ބާސެލޯނާ އާ ދެކޮޅަށް 4-0 އިން ބަލިވި އެލް ކްލާސިކޯވެސް ހިމެނެއެވެ.
ރިއަލް މެޑްރިޑުން މި މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ސީޒަނުގެ އެންމެ މުހިންމު މަރުހަލާ ކުރިއަށް އޮތް ދަނޑިވަޅެއްގައި ކޯޓުއާ އަށް މިފަދަ އަނިޔާތައް ވަމުންދާތީ ކްލަބުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިއަލް މެޑްރިޑް އަނެއްކާވެސް މެޗުތަކަށް ނުކުންނާނީ މާރޗް 29 ވަނަ ދުވަހު ލެގަނޭސް އާ ދެކޮޅަށް ބަރނަބިއުގައި ކުޅޭ މެޗުގައެވެ. މި މެޗަށް ކޯޓުއާ ގެ ހާލަތު ހުންނާނެ ގޮތެއް މި ވަގުތު ސާފެއް ނޫނެވެ. ނަމަވެސް ކޯޓުއާ އެނބުރި މެޑްރިޑް އަށް ގޮސް އިތުރު ޓެސްޓް ތައް ހެދުމުން ކޯޓުއާގެ އަނިޔާގެ ހާލަތު ދެނެގަނެވޭނެއެވެ. ލަފާކުރެވޭ ގޮތުގައި ކޯޓުއާގެ އަނިޔާ އެހާ ސީރިއަސް އެއް ނޫނެވެ. ނަމަވެސް ރޭގެ މެޗުން ޖާގަ ނުދިނީ އިތުރު އަނިޔާއެއް ވިޔަ ނުދިނުމަށްކަމަށްވެއެވެ.