ދެކުނު ކޮރެޔާގައި އެތައް ސަތޭކަ ބަޔަކު ގެދޮރު ދޫކޮށް ފިލަނީ
25 މާރިޗު 2025 - 10:18

ދެކުނު ކޮރެއާގައި ހޫނު މޫސުމާއި ވައި ގަދަވުމުގެ ސަބަބުން ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 4 މީހުން މަރުވެ، އެތައްސަތޭކަ މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެއްޖެއެވެ.
ސަންޗިއޯންގް ކައުންޓީގެ 64 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ ކިމް ބިއުންގް-ވޫކް ވަނީ 30 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅެމުން އައި ގެ އަނދައިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ. "ކުޑައިރުގެ ދަރިންގެ ފޮޓޯތަކާއި ޒުވާން އުމުރުގެ ހަނދާންތައް އެއްކޮށް ނެތިގެން ހިނގައްޖެ،" އޭނާ ރޮއިޓަރސްއަށް ބުންޏެވެ.

Ad by Hajj Corporation
އެގައުމުގެ ވަގުތީ ރައީސް ހަން ޑަކް-ސޫ ވަނީ އަލިފާނުގެ ހާދިސާއިން ގެއްލުން ލިބިފައިވާ އުއިސިއޯންގް ކައުންޓީއަށް ޒިޔާރަތްކޮށް، ހިޔާވަހިކަން ހޯދާފައިވާ ރައްޔިތުންނާ ބައްދަލުކޮށްފައެވެ. "އެންމެ އިސްކަމެއް ދޭންވީ ވީހާވެސް އަވަހަކަށް ކާރިސާއިން އަރައިގަތުމަށް އެހީތެރިވެ، އަލުން އާރާސްތުވުމަށް ފިޔަވަޅުތަކެއް އެޅުން،" އޭނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ފެށުނު މި އަލިފާންގަނޑު އިތުރަށް ފެތުރެމުންދާތީ، ސަރުކާރުން އިތުރު ތިން ސަރަޙައްދެއް "ޚާއްޞަ ކާރިސާގެ ސަރަޙައްދު" ގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މިގޮތުން ސައުތު ގިއޯންގްސަންގް ޕްރޮވިންސްގެ އިންސްގެ އެއް ކައުންޓީއާއި، އުލްސަން އަދި ނޯތު ގިއޯންގްސަންގް ޕްރޮވިންސްގެ ދެ ކައުންޓީ ހިމެނެއެވެ.
ދެކުނު ކޮރެއާގައި ޤުދުރަތީ އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގަނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ވައި ގަދަވެ، މޫސުން ހޫނުވެ، ވިއްސާރަ މަދުވުމުގެ ސަބަބުން އަލިފާން ފަސޭހައިން ފެތުރެއެވެ.
2022 ވަނަ އަހަރު ވެސް މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، 20،000 ހެކްޓަރަށްވުރެ ގިނަ ސަރަޙައްދު އަނދައިގެން ގޮސްފައިވެއެވެ. މި ކަހަލަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ދެކުނު ކޮރެއާ ސަރުކާރުން ދަނީ އަލިފާން ދެނެގަތުމުގެ ނިޒާމުތަކާއި އަވަސް އިންޒާރުގެ ނިޒާމުތައް ޤާއިމުކޮށް، އަލިފާން ނިއްވުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.


