ދެކުނު ކޮރެޔާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ލީޑަރު
4 ޖޫން 2025 - 12:03

ސޯލް، ދެކުނު ކޮރެއާ (ޖޫން 4) - ދެކުނު ކޮރެއާގައި ބޭއްވި އިންތިހާބު އިދިކޮޅު ލިބަރަލް ޕާޓީގެ ކެންޑިޑޭޓު ލީ ޗެއި ޔުންގު ކާމިޔާބު ކުރައްވައިފި އެވެ.
އެ ގައުމުގައި އަވަސް އިންތިހާބެއް ބޭއްވީ އޭރު ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޮލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ އެ މަގާމުން ވަކި ކުރުމުންނެވެ. 2022 ވަނަ އަހަރުގެ އިންތިހާބުގައި ޔޫން އާ ވާދަކޮށް ލީއަށް ނާކާމިޔާބުވީ ހަނި ފަރަގަކުންނެވެ.

Ad by Hajj Corporation
ދެކުނު ކޮރެޔާގައި ކުއްލި ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ހުންނަވަނިކޮށް އޭރު ރައީސްކަމުގައި ހުންނެވި ޔޫން ސުކް ޔޯލްގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން ދުރުކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ލީ އަށް ކުރިމަތިވެފައިވަނީ، ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބައިބައިވެފައިވާ ޤައުމެއް އެއްބައިވަންތަ ކުރުމުގެ މައްޗަށް، ދެކުނު ކޮރެޔާގެ އެންމެ ވަރުގަދަ މަދަގުދާރު އެމެރިކާއިން ކުއްލި ކުއްލިއަށް އަޅަމުންދާ ފިޔަވަޅުތަކަށް ސިޔާސަތުތައް ބައްޓަން ކުރެއްވުމެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވަމުން، ރައީސް ލީ ވަނީ، އެ މަނިކުފާނުގެ ސަރުކާރަކީ "ޕްރޯ-މާކެޓް" ސަރުކާރަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ދެކުނު ކޮރެޔާގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އިޢުލާނުކުރުމާއެކު، ރައީސް ލީ ވަނީ މަޤާމުގެ މަސްޢުލިއްޔަތުތަކާ ވަގުތުން ޙަވާލުވެވަޑައިގެން، މަސައްކަތް ފައްޓަވައިފައެވެ.
ހުރިހާ ވޯޓު ކަރުދާހެއް ގުނާފައިވާއިރު ގާތްގަނޑަކަށް 35 މިލިއަން ވޯޓުގެ 49.42 އިންސައްތަ ލީ ހޯއްދެވިއިރު، ވާދަވެރި ކޮންޒަވޭޓިވް ކެންޑިޑޭޓް ކިމް މޫން-ސޫ އަށް ލިބިވަޑައިގެންނެވީ ވޯޓުގެ 41.15 އިންސައްތަ އެވެ. މިއީ 1997 ވަނަ އަހަރަށްފަހު ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާން މީހުން ނުކުތް ފަހަރެވެ.


