"ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ދުސްތޫރީ ނިޒާމަށް ބަދަލެއް ނާންނާނެ"
18 މާރިޗު 2026 - 06:09

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދިވެހިރާއްޖޭގެ ތިން ބާރު ވަކިވެފައި އޮންނަ ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ބަނޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިޚާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ނުވަތަ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމަށް ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މިއީ ވަރަށް ބޮޑު ޤާނޫނީ ބަދަލެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް މި ގެންނަ ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސްއަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ބަންޑާރަ ނައިބު ވަނީ، މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދާ، އާންމުންގެ ޚިޔާލަށްވެސް މިކަން ހުޅުވާލެވުނުކަން ބަންޑާރަ ނައިބު އުޝާމް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ، ޤާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާޙު ތަސްދީޤު ކުރުމާ ގުޅޭގޮތުންނެވެ. އެ އިސްލާޙުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތީޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.


