logoEN
ކުޅިވަރު

ބާސެލޯނާގެ 1:1 ފައިނޭންޝަލް ފެއަރ ޕްލޭ ސްޓޭޓަސް ގެއްލެނީ

ބާސެލޯނާގެ އައު ސްޓޭޑިއަމްގެ ހުންނާނެ ގޮތުގެ ކުރެގުމެއް.

ބާސެލޯނާގެ އައު ސްޓޭޑިއަމްގެ ހުންނާނެ ގޮތުގެ ކުރެގުމެއް.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

26 މާރިޗު 2025 - 11:59

ސްޕެއިންގެ ލަ ލީގާގައި ބާސެލޯނާއަށް ލިބިފައިވާ 1:1 ފައިނޭންޝަލް ފެއަރ ޕްލޭ ސްޓޭޓަސް ގެއްލިދާނެކަމުގެ ނުރައްކާ ކުރިމަތިވެއްޖެއެވެ.

ފާއިތުވި ޖެނުއަރީ މަހު ބާސެލޯނާއަށް 1؛1 ސްޓޭޓަސް ލިބުނީ ސްޕޮޓިފައި ކެމްޕް ނޫގެ ވީއައިޕީ ގޮނޑިތައް 100 މިލިއަން ޔޫރޯއަށް ވިއްކާލުމަށްފަހުއެވެ. މި އެއްބަސްވުމުގެ ސަބަބުން ޑެނީ އޯލްމޯ އަދި ޕައު ވިކްޓަރް ފަދަ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބުނެވެ.

ނަމަވެސް، މި މުއާމަލާތް އޮޑިޓް ކުރުމަށް އައްޔަންކުރެވުނު އައު އޮޑިޓަރުން ވަނީ ޖެނުއަރީގައި ބާސެލޯނާއަށް ދެވުނު ވަގުތީ ހުއްދައާމެދު ދެބަސްވެފައެވެ. އޮޑިޓަރުން ބުނާ ގޮތުގައި ކެމްޕް ނޫގެ ގޮނޑިތަކަށް ލިބުނު 100 މިލިއަން ޔޫރޯ މި ސީޒަންގެ އާމްދަނީގެ ގޮތުގައި ނުހިމެނޭނެއެވެ. އެއީ އަދި ވީއައިޕީ ގޮނޑިތައް ވުޖޫދުވެފައި ނުވާތީއެވެ.

ކެމްޕް ނޫގެ މަރާމާތުގެ މަސައްކަތް ނުނިމޭތީ، މި ސީޒަންގައި އެ ސްޓޭޑިއަމަށް ނުގެންދެވޭނެކަން ބާސެލޯނާއިން ވަނީ އިއުލާންކޮށްފައެވެ. އައު އޮޑިޓަރުން ބުނާ ގޮތުގައި ޖެނުއަރީ 3 ގެ ނިޔަލަށް ބާސެލޯނާއަށް ލިބިފައިވަނީ އެންމެ 58 މިލިއަން ޔޫރޯއެވެ.

1:1 ސްޓޭޓަސްގެ ސަބަބުން ބާސެލޯނާއަށް މީގެ ކުރިން ކުޅުންތެރިން ގެނައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިފައިވާއިރު، ލަ ލީގާއިން އޮޑިޓަރުންގެ ނިންމުމާ އެއްބަސްވެއްޖެނަމަ، އަންނަ ސަމަރގައި ބާސެލޯނާގެ މުސާރައިގެ ކެޕް އިން 42 މިލިއަން ޔޫރޯ އުނިވެގެންދާނެއެވެ. މީގެ ސަބަބުން 1:1 ސްޓޭޓަސް ގެއްލި، އައު ކުޅުންތެރިން ގަތުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ. މި މައްސަލަ އިތުރަށް ގޯސްވުމުގެ ކުރިން ހައްލެއް ހޯދުމަށް ކްލަބުގެ ރައީސް ޖުއާން ލަޕޯޓާ މަސައްކަތްކުރަން ޖެހޭނެއެވެ. ކުޅުންތެރިންގެ ރެޖިސްޓްރީ މައްދަލައިގައި ލަލީގާއިން މިހާރުވެސް ބާސެލޯނާއާއި ދެކޮޅަށް ދަޢުވާކުރަމުންދާއިރު، ރެފްރީންނަށް ރިޝްވަތު ދިނުމުގެ މައްސަލައިގައިވެސް ބާސެލޯނާއާއި ދެކޮޅަށް ކޯޓުތަކުގައި ދައުވާކުރަމުންދެއެވެ.

ކޮމެންޓް

871x217_placeholder