logoEN
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވުޒާރާއިން އިލްތިމާސްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

"ރާއްޖެ ޓީވީ"އިން މި މަހު 24 ވަނަ ދުވަހު ގެނެސްދެވުނު "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަ ދައްކާ ޢަމަލުކޮށްފައެވެ. އެކަމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް"އިން ވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ.

އެހެންކަމުން ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ޙައްޤުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ. މިއާއެކު އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރާ ފަރާތެއްގެ ޙައިސިއްޔަތުން ވުޒާރާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށާއި، އަދި މަތީގައި ދެންނެވުނު، ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް ހުރިހާ ފަރާތްތަކަކުން އިޙުތިރާމްކުރުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެއްކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އެކަން ކުއްވެރިކޮށް، މީޑިއާތަކުން ބްރޮޑްކާސްޓްކުރާ ކޮންޓެންޓު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް، އެޗްއާރްސީއެމުން ވެސް ވަނީ ގޮވާލައިފައެވެ.

ކޮމެންޓް

871x217_placeholder