logoEN
ޚަބަރު

މަސްވެރިންނަށް މިހާތަނަށް 385 މިލިއަން ރުފިޔާ ދޫކޮށްފި: ރައީސް

ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސު؛ލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު ދިހަ ވަނަ ދުވަހުން ފެށިގެން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ސަރުކާރުން ފައިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި މިގޮތަށް ގަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަަށެވެ.

އެގޮތުން އެންމެ ފަހުން، އިއްޔެ ވެސް މިފްކޯއިން ވަނީ މި މަހުގެ 25 ވަނަ ދުވަހުގައި 20 މަސް ދޯންޔަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް އެއް މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ ހުރި ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ފައިސާ ވެސް މިހާރު ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުން ކަމަށެެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ، މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މަސް ކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފައިވާކަމަށާއި، ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ލިބެމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އއ. އަދި ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށްވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ އެ ވަޢުދާ އެއްގޮތަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ޖަމާވަމުންދާނެކަމަށެވެ. ރައީސް ވިދާޅުވީ ދެން މަސްވެރިންނަށް ފައިސާ ދިނުމަށް އޮތް ބެކްލޮގް ނުވަތަ ފައިސާ ނުދީއޮތުން ނިމުމަކަށް އައީކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށެވެ. މީގެއިތުރުން މި ސިނާއަތް ސިންދަފާތު ކުރުމަށްވެސް ސަރުކާރުގެ ޕްލޭންތައް އެބަހުރިކަމަށާއި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް މަސްވެރިކަން ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder