logoEN
ދުނިޔެ

އެއްވެސް އެހީއެއް ޣައްޒާއަށް ވަނަ ނުދީ ހިފަހައްޓާތާ މަސްދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ

އާމިނަތު ސަފާއާމިނަތު ސަފާ

28 މާރިޗު 2025 - 07:04

އެއްވެސް އެހީއެއް ޣައްޒާއަށް ވަނަ ނުދީ ޔަހޫދީން ހިފަހައްޓާތާ މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (އަންރުވާ) އިން ބުނެފިއެވެ.

އަންރުވާއިން ވަނީ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްބުނެ އިންޒާރުވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 50 އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަހަރުވެސް ނުވާ ކުޑަކުދިންނެވެ. އިސްރާއީލުން އަންނަނީ ޣައްޒާގެ އިތުރުން ލުބުނާނާއި ސީރިއާގެ ސަރަހައްދުތަކާއި ހުޅަނގު އައްސޭރިއަށްވެސް ހަމަލާތައް ދެމުންނެވެ.

މީގެ އިތުރުން ހުކުރު ވަގުތުގައި ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސް ގެ ދެކުނުގައިވާ ޤުސްރާ ރަށުގެ ރަސް އަލް-އައިން ސަރަހައްދަށް

އަރައިގެންފައެވެ. ޔަހޫދީ ވަޒަންވެރިން ރަސް އަލް-އައިން ސަރަހައްދަށް އަރައިގަނެ ހިންގާފައިވާ ޖަރީމާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މަދުވެގެން ބައިލައްކަ އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު ލައްކައަކަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ހަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް، މާރިޗު 18ވަނަ ދުވަހު ޔަހޫދީން ވަނީ އެއްބަސްވުން އުވައިލައި، ޣައްޒާގެ މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާފައެވެ.

ޖަނަވަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ހަމާސް ޖަމާއަތުން ވަނީ ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ. ނަމަވެސް، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ވަނީ އެއްބަސްވުމާ ހިލާފުވެ، ޣައްޒާގައި އުދުވާން ހިންގަން ފަށާފައެވެ.

ކޮމެންޓް

871x217_placeholder