logoEN
ރިޕޯޓް

ރައީސްގެ ހަރުދަނާ ސިޔާސަތުތައް، އުފާވެރި މާދަމާއެއްގެ ބިންގާ

މުހައްމަދު މޫސާމުހައްމަދު މޫސާ

04 އޭޕްރީލު 2025 - 07:14

ދިވެހި ޤައުމަށް އިޖުތިމާއި ދުޅަހެޔޮކަން ލިބި، މާލީ ގޮތުން ފުދުންތެރި، ދެމެހެއްޓެނިވި ހަރުދަނާ އިގްތިސޯދެއް ބިނާކޮށް، އުމްރާނީ ތަރައްގީގެ ތަމައްދުނުގެ ރޯޝަނީކަން ލިބިދިނުން ބިނާވެފައި އޮތީ ވެރިކަން ހިންގުމުގައި އެކަށަހެޅިގެން ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށެވެ. މި ސިޔާތުތައް ވެގެން ދާންވާނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެ، ޤައުމުގެ ޅަދަރީންނާއި ޒުވާން ޖީލު ހެޔޮ ތަރުބިއްޔަތުމަތީ ތަރުބިއްޔަތުވެގެންދާނެ ދުރުވިސްނުމުގެ ސިޔާސަތުތަކަކަށެވެ.

2008 ވަނަ އަހަރު ރާއްޖެ އަށް ލިބިދިން ފެހި ޤާނޫނުއަސާސީން ރައްޔިތުންނަށް ކުރިން ނުލިބިވާ އެތައް ހައްގުތަކެއް ކަށްވަރުވެ، ދައުލަތާއި ވެރިކަން ހިންގުމުގެ ނިޒާމަށް އައު ބޮޑެތި ބަދަލުތަކެއް އައިސް މިހާތަނަށް އުފަންވި ވެރިކަންތަކުން ތަންފީޒު ކުރި ސިޔާސަތުތަކުން ފެނިގެންދިޔައީ ރާއްޖޭގެ ހުރި އަސްލު މައްސަލަތަކަށް ފަރުވާ ނުދެވި ދިޔަތަނެވެ. އެހެންނަމަވެސް 2023 ގައި އުފެދުނު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ތަފާތެވެ. އެ މަނިކުފާނުގެ ސިޔާސަތުތަކަކީ ދިވެހި ޤައުމަށް ބޭނުންވާ ފަރުވާގެ ތަޅުދަނޑިއެވެ. އެ ހަރުދަނާ ސިޔާސަތަކީ އުފާވެރި މާދަމާއެއްގެ ބިންގާކަމާމެދު ޝައްކެތް ނެތެވެ. އެހެންކަމުން މި ބުނުމަށް ބާރުދޭ ސަބަބުތަކުގެ ތެރެއަށް ކުރުކޮށް ފީނައިލާނަމެވެ.

1. އިޤްތިޞާދީ ކުރިއެރުން:

ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަރުދަނާވެ، ވިޔަފާރިތަކަށް ފުރުޞަތު ފަހިވެފައިވެއެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އާމްދަނީ އިތުރުވެފައިވެއެވެ. ޤައުމުގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ފައިސާ ޗާޕުނުކޮށް، ކުރީސަރުކާރުތަކުން ވާރުތަވި އެތައް މިލިއަން ރުފިޔާގެ ދަރަނި ޚަލާސްކޮށް، އާންމު ރައްޔިތުންގެ ކުންފުނިތަކަށާއި ފަރުދުންނަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ދައްކައިދީފައިވުމީ މީގެ ބައެއް މިސާލުތަކެވެ.

2. ތަޢުލީމީ ދާއިރާގެ ތަރައްޤީ

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެ މަގު ތަނަވަސްވެފައިވެއެވެ. މަތީ ތަޢުލީމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެ، ސްކޮލަރޝިޕްތަކާއި ލޯނު ސްކީމްތައް ތަޢާރަފުކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަންނީ ހުނަރު ލިބި، ވަޒީފާގެ މާރުކޭޓުގައި ވާދަކުރެވޭނެއެވެ. ސްކޫލްތަކުގެ ކިޔަވައި ދިނުމުގައި މުދައްރިސުންނަށް ހަގީގީ ގަދަރުލިބިވެނިގޮތައް ހާސްކަން ފިލައި މަސައްކަތުގައި އުޅެވޭނެ މާހައުލަކަށް ސްކޫލް މާހައުލު ބަދަލުކޮށް، މުދައްރިސުންނާއި، ދަރިވަރުންނާއި ބެލެނިވެރިންގެ ދެ ވަނަ ގޭގެ ގޮތުގައި ސްކޫލްތައް ދުށުމުގެ އާދަ އަށަގަންނުވައި، އިސްލާމީ ހެޔޮ ތަރުބިއްޔަތު މަތީ ތަޢުލީމް ދެވޭނެ ސިޔާސަތުތައް ވަނީ ހިންގަވަން ފައްޓަވާފައެވެ.

3. ޞިއްޙީ ދާއިރާގެ ކުރިއެރުން:

ރައީސް މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވެއެވެ. ރަށްރަށުގައި ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް ތަރައްގީކުރުމާއެކު، ޤާއިމުކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިތުރުކޮށް، ބޭސްފަރުވާގެ ޚިދުމަތްތައް ފުޅާކުރަށްވާފަވެއެވެ. އަދި ޚާއްޞަ ފަރުވާ ބޭނުންވާ ބަލިތަކަށް ރާއްޖޭގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ބޮޑެތި ބަލިތަކަށް ޚާއްސަ އަހަމިއްޔަތެއް ދެއްވައި، ތެލަސީމިއާ ކުދިންނަށް ހުރި ދަތިތައް ފިލުއްވައި ސިއްހީ ދާއިރާ އިންގިލާބީ ބަދަލަކާއި ދިމާއަށް ވަނީ މިސްރާބު ހިފާފައެވެ.

4. ތިމާވެށި ރައްކާތެރިކުރުން:

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ. ތިމާވެށި ހިމާޔަތްކުރުމަށް ޤާނޫނުތައް ހަރުދަނާކޮށް، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރެވެއެވެ. އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގެއެވެ. ހަމައެހެންމެ ދުނިޔޭގެ ފެންވަރު ތިމާވެށީގެ ގޮތުން ރާއްޖޭގެ އަޑު އެންމެ އުހަށް ވަނީ އުފުލަން ފަށާފައެވެ.

5. އިޖްތިމާޢީ ރައްކާތެރިކަން:

ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. ދައުލަތުގެ އެހީތެރިކަމުގެ ޕްރޮގްރާމްތައް ފުޅާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރެވިފައިވެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް އަސާސީ ޚިދުމަތްތައް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެފައިވެއެވެ.

6. ޓެކްނޮލޮޖީއާއި އިނޮވޭޝަން:

ރައީސް މުޢިއްޒުގެ ސަރުކާރުން ޓެކްނޮލޮޖީއާއި އިނޮވޭޝަނަށް ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެއެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، އައި.ޓީ ދާއިރާގައި ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށް އިސްކަންދެވިފައިވެއެވެ. މީގެ ސަބަބުން ރާއްޖެ ޒަމާނީ ޓެކްނޮލޮޖީއާ ގުޅިލާމެހިފައިވާ ޤައުމަކަށް ވެގެންދާނެއެވެ.

7. ޚާރިޖީ ގުޅުންތައް ބަދަހިކުރުން:

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާވެފައިވެއެވެ. އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ރާއްޖޭގެ އަޑު އިވޭ މިންވަރު އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އެހީތެރިކަމާއި އިންވެސްޓްމަންޓް ލިބުމުގެ ފުރުޞަތު އިތުރުވެފައިވެއެވެ.

8.ހިޔާވަހިކަމުގެ ހާސްކަން ފިލުވައިލުން:

ރައީސް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައެވެ. އެކަމަށް ހައްލު ހޯދިގެން މެނުވީ ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ތަސައްލީއެއްނެތް ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމަކީ އެމަނިކުފާނުގެ ސިޔާސަތުކުން އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ. ރަސްމާލޭގެ މަޝްރޫޢު އާއި އާބަން ސެންޓަރތައް ތަރައްގީކުރުމާއި، މުޅި ރާއްޖޭގައި ހިންގުމަށް ތަރުތީބު ވެފައިވާ ބޯހިޔާ ވަހކަމުގެ މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމަށް ކުޑަ އިންޓަރެސްޓަކާއެކު ލޯނު ދޫކުރުމާއި، ގޯތި ލިބި ގެ ނޭޅި ތިބި ރައްޔިތުންނާށް ގޮތް ހޯދައިދިނުންފަދަ ކަންކަމަކީ އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ވަރުގަދަ ސިޔާސަތުތަކުގެ މިސާލުތަކެވެ.

މި ޚުލާސާއިން ވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ކުރަމުންދާ ދަތުރުކުރުގެ މަންޒަރުތައް ހިތްމައްޗަށް އާދެއެވެ. އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ގޮތުން ގެނެވިފައިވާ ކުރިއެރުންތަކަކީ އުފާވެރި މާދަމާއެއްގެ ހަރުދަނާ ބިންގަލެވެ. މި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެވި، އޭގެ ނަތީޖާ ރައްޔިތުންނަށް ލިބެމުންދާނަމަ، ދިވެހިރާއްޖެއަށް އުޖާލާ މުސްތަޤުބަލެއް ކަށަވަރުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް

871x217_placeholder