ހަފްތާއެއްގެ ތެރޭގައި އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ އަތުވެއްޖެ


07 އޭޕްރީލު 2025 - 10:59
މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ހަފްތާއާ އާޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވަނީ 47،390 ފަތުރުވެރިންނެވެ. މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.
އެގޮތުން މިމަސް ފެށުނުއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 65،404 ފަތުރުވެރިން އައިސްފައިވާއިރު، މިހާރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 70،561ގައެވެ. މިއީ 7 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 69.5 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައިވަނީ 25 އިންސައްތަ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.