އެމްޑީޕީން 8.8 ބިލިއަން ރުފިޔާ ޗާޕުކޮށް، 60 ބިލިއަން ރުފިޔާގެ ލޯނު ނެގި: މުހައްމަދު އިސްމާއީލް

08 އޭޕްރީލު 2025 - 09:29
ކުރީގެ އެމްޑީޕީ ސަރުކާރުން 8.8 ބިލިއަން ރުފިޔާ ޗާޕުކޮށް، 60 ބިލިއަން ރުފިޔާގެ ލޯނު ނެގިކަމަށާއި، އެ ފައިސާ ދައްކަމުން ދަނީ މިހާރުގެ ސަރުކާރުން ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު އިސްމާއީލް މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.
މި ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީޝަމްހީދު ހުށަހެޅުއްވި ޤަރާރަކާ ގުޅިގެން ކުރެވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އިސްމާއީލް ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ނަގާފައިވާ ލޯނުގެ އަދަދު އިންތިހާއަށް ބޮޑުކަމަށެވެ.
"60 ބިލިއަނެއްގެ ވާހަކަ، ދަރަނި. އެ ދަރަނި މި ބޭފުޅުން ލާރި ޗާޕުކުރިއިރުގައި އަޅުގަނޑު ހިތަށްއަރާ، އެމް.އެމް.އޭގެ ގާނޫނާއި އެމް.އެމް.އޭ ޕެރަލައިޒްކޮށްލާފައި، މި ހުރިހާ ކަމެއް ކޮށްފައި މި ބޭފުޅުން މި ގާނޫނުތައް ހަދައި ނިމި ގޮސް، ގާނޫނުތަކުގެ ބޭރުން ލާރިއާ އެއްޗެހި ޗާޕުކޮށް، 8.8 ބިލިއަން ރުފިޔާ ޗާޕުކުރި ހަނދާން މި ބޭފުޅުން ނެތީބާ،" މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އިސްމާއީލް ވިދާޅުވީ، އެމްޑީޕީން ނަގާފައިވާ ބޮޑެތި ލޯނުތައް، ބޮޑު އިންޓަރެސްޓާއެކު ނަގާފައިވާ ލޯނުތައް މިހާރު ދައްކަމުން ގެންދަނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންތެރި އަދި ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ކަމަށެވެ.
މުޙައްމަދު އިސްމާއީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރުން ދުނިޔޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދައްކަމުން ގެންދަނީ ގަވާއިދުންނެވެ. އޭގެ ތެރޭގައި ފާއިތުވި މަހު 100 މިލިއަން ޑޮލަރު ދެއްކިކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ވެސް 25 މިލިއަން، މި ދިޔަ މަހު 100 މިލިއަން ޑޮލަރު، މިހެން ހަމަ ދައްކަމުންދައްކަމުން އެ ދަނީ. އަދިވެސް ދެއްކޭނެ ކަމުގެ 100% ގެރެންޓީ މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށާއި އަދި މި ޤައުމުގެ ފިނޭންސް މިނިސްޓަރަށް އޮތީތީވެތާ އަޅުގަނޑުމެންނަށް ހަމަ މިއަދާ ހަމައަށް ލާރި ޗާޕުނުކޮށް މި ކުރިއަށް މި ގެންދެވެނީ," މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.