އަހަރުގެ މިހާތަނަށް 6 ލައްކައަށް ވުރެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި


13 އޭޕްރީލު 2025 - 10:51
މި ފާއިތުވި މާޗު މަހުގެ ނިޔަލަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
އިމިގްރޭޝަނުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގައި ޖުމަލް 203،468 (ދެ ލައްކަ ތިންހާސް ފަސްދޮޅަސް އަށް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މާޗު މަހުގެ ނިޔަލަށް މުޅި އެކު 632،422 (ހަ ލައްކަ ތިރީސް ދެ ހާސް ހަތަރު ސަތޭކަ ބާވީސް) ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. މިިދިޔަ އަހަރުގެ މާޗު މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 194،222 (އެއް ލައްކަ ނުވަދިހަ ހަތަރު ހާސް ދުވިސައްތަ ބާވީސް) ފަތުރުވެރިންނެވެ.
އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 24،449 (ސައުވީސް ހާސް ހަތަރު ސަތޭކަ ސާޅީސް ނުވަ) މީހުންނާއެކު، މާޗު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައި ޔޫކޭއިންނެވެ. އެއީ 23،183 (ތޭވީސް ހާސް ސަތޭކަ އަށްޑިހަ ތިން) ފަތުރުވެރިންނާ އެކުއެވެ. ފެބްރުއަރީ މަހުގެ ލިސްޓުގެ ދެ ވަނައިގައި އޮތް ޗަައިނާ ވަނީ 15،803 (ފަނަރަ ހާސް އަށްސަތޭކަ ތިން) ފަތުރުވެރިންނާ އެކު، ފަސް ވަނައަށް ވެއްޓިފައެވެ.
މާޗު މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އެހެން ގައުމުތަކަށް ބަލާއިރު:
- އިޓަލީ - 19،069 (ނަވާރަ ހާސް ފަސްދޮޅަސް ނުވަ) ފަތުރުވެރިން
- ޖަރުމަންވިލާތު - 17،620 (ސަތާރަ ހާސް ހަސަތޭކަ ވިހި) ފަތުރުވެރިން
- އިންޑިއާ - 11،667 (އެގާރާ ހާސް ހަސަތޭކަ ފަސްދޮޅަސް ހަތް) ފަތުރުވެރިން
މާޗު މަހުގައި އެވެރެޖުކޮށް ދުވާލަކު 6000 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރާއި އެ ސިނާއަތުގެ ޚިދުމަތްތެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.