އަޒްމިރަލްދާ ހުށަހެޅި ޝަކުވާ މަޖިލީހުން ބަލަނީ


14 އޭޕްރީލު 2025 - 13:34
ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދަނީ ބޭއިންސާފުން ކަމަށް ބުނެ އޭނާ ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެއަށްފަހު އޭނާ ވަނީ އެ މައްސަލައިގައި އަމަލު ކުރާނެ ގޮތަކާ މެދެ ބައެއް ހުށަހެޅުއްވުންތައް ހުށަހަޅުއްވާފައެވެ.
ޖޭއެސްސީން ދަނީ އަޒްމިރަލްދާގެ ތިން މައްސަލައަކާއި ފަނޑިޔާރު މަހާޒު އަލީގެ ދެ މައްސަލައެއްވެސް ބަލަމުންނެވެ. އެގޮތުން، އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ.
މީގެއިތުރުން، އަޒްމިރަލްދާގެ ދިފާއުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ އެ މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަނީ ބަލަންފަށާފައެވެ.
ހަމައެހެންމެ، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ ބަލާ މައްސަލައެއްވެސް ވަނީ ހުށަހެޅިފައެވެ.