ތުރުކީން ދިން ފެހި ސިގްނަލާއެކު އިތުރު އިންވެސްޓްމަންޓްތައް ރާއްޖެ އަންނާނެ
16 އޭޕްރީލު 2025 - 13:50

ތުރުކީވިލާތުގައި ޤާއިމްވެފައިތިބި ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައްވެސް ވަރަށް ބޮޑަށް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތުރުކީގެ ވިޔަފާރިވެރިންނާއެކު ކުރެއްވި ބައްދަލުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިޤްތިޞާދާއި ބެހޭ ވަޒީރު ސަޢީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Ad by Hajj Corporation
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކުރައްވައި އެބޯޑުގެ ޗެއަރމަނާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ ގުޅުން ބަދަހިވަމުންނެވެ. އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް ތުރުކީވިލާތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


