މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ބުދައިރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ


20 އޭޕްރީލު 2025 - 07:08
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވުމަށް ހަމަޖެހިފައިވަނީ ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އިސްލާމީ މަރުކަޒު ބައްލަވާލެއްވުމުގެ އިތުރުން މި ޒިޔާރަތުގައި އިސްލާމީ މަރުކަޒުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަށް ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންކަން ފާހަގަކޮށްލެވެއެެވެ.
އިތުރު ލިޔުންތައް

ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި
8 މަސް ކުރިން
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ
6 މަސް ކުރިން-1726919050185.webp&w=3840&q=75)
ހަރުކަށި ފިކުރަށް އެއްބާރުލުން ނުދިނުން ހިމެނޭގޮތަށް އިމާމުންގެ ސުލޫކީ މިންގަނޑު އެކުލަވާލައިފި
6 މަސް ކުރިން