logoEN
ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ބޮޑު ދަރުހެއް ދެއްވަނީ

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު؛ އެމަނިކުފާނު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު؛ އެމަނިކުފާނު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ދަރުހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި މަސްޖިދުއް ޞުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި އެމަނިކުފާނު ދެއްވާ ޙާއްސަ ދަރުހެއް 24 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މި ދަރުސްގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އެވެ. އެ ރޭގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީ ވެސް މަސްޖިދުއްނަބަވީގެ އިމާމެވެ.

މިއާއެކު، 23 އޭޕްރިލް ވާ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އެމަނިކުފާނު އިމާމުވެ މަޢުރިބު ނަމާދާއި ޢިޝާ ނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، 25 އޭޕްރިލް ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އެމަނިކުފާނު އިމާމުވެ ހުކުރު ނަމާދު ވެސް ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ވަޒީރު ޑރ. މުޙައްމަދު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަށް ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންކަން ފާހަގަކޮށްލެވެއެެވެ.

ކޮމެންޓް

871x217_placeholder