ފޮޓޯ ނަގަން ނެރުނު އަމުރު ފުލުހުން ތަފްސީލު ކޮށްދީފި

މަންދީ ޒުބައިރު// ފޮޓޯ: ރާއްޖެ އެމްވީ

21 އޭޕްރީލު 2025 - 07:34
އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފާޑުކިޔުންތައް އަމާޒުވުމުން އެއަމުރުގެ އިބާރާތްތައް ފުލުހުން އިތުރަށް ތަފްސީލު ކޮށްދީފިއެވެ.
އެކަން ސާފުކޮށްދޭން ފުލުހުން ނެރުނު ބަޔާނުގައި ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންކަމަށެވެ. އެމީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓް އަމުރެއްގެ ދަށުންކަމަށާއި ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށްކަމަށް ފުލުހުންވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖް އަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށްކަމަށެވެ.
މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ފުލުހުންވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު ރައީސްގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވަނީ ސިވިލް ކޯޓުގައި އަބުރުގެ ދައުވާކޮށް، ފެމެލީ ކޯޓުގައި ވެސް މަންދީގެ މައްޗަށް ދައުވާކޮށްފައެވެ.
އެ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގަނެފައިވާތީއެވެ. އަދި ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީއެވެ.
އެ ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައިކަމަށް މިކަމ ގުޅިގެން މެޑަމް ސާޖިދާ ނެރުއްވި ބަޔާނުގައި މީގެ ކުރިން ފާހަގަކުރައްވާފައިވެއެވެ.
އިތުރު ލިޔުންތައް

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
9 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
9 މަސް ކުރިން
ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު
9 މަސް ކުރިން.jpg&w=3840&q=75)