logoEN
ޚަބަރު

އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތް ހަވީރުވެސް ދިނުމަށް މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

26 އޭޕްރީލު 2025 - 08:10

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) ގެ ހިދުމަތް ހަވީރުގެ ވަގުތުތަކުގައިވެސް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު އެތައް ބަޔަކު ކިއުގައި ތިބުމުން، އެ ކިއު ކުޑަކުރުމަށްޓަކައި އޯޕީޑީގެ ހިދުމަތް ހަވީރުވެސް ލިބޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިކަން ހައްލުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ އެއް ކަމަކީ އިވްނިންގް އާދެ ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެ ގޮތެއް ހޯދުމުގެ މަޝްވަރާތައް. އެއީ މުސާރައިގެ އިތުރުން އިތުރު އެލަވަންސްވެސް ދީގެން ކުރެވޭނެ ކަމެއް. އެހެންވީމަ އެ މަޝްވަރާތައް ނިމިގެން އަޅުގަނޑުމެންނަށް އިތުރު ގޮތްތަކެއް ހޯދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް ދެނީ ހަމައެކަނި ހެނދުނުގެ ވަގުތުތަކުގައެވެ. އެހެންކަމުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެ ހޮސްޕިޓަލްގައި އަބަދުވެސް އެތައް ސަތޭކަ ބައެއްގެ ކިއު އޮވެއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުންކަމަށެވެ. އަދި ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހެނީ ތިއޭޓަރުގައި ޖާގަ ނުވަތަ ބެޑު ނެތިގެންކަން ފާހަގަކުރެއްވިއެވެ.

މިވަގުތުވެސް 75 އެނދު އައިޖީއެމްއެޗަށް އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން، ޑޮކްޓަރުންނާއި މަޝްވަރާކުރައްވައިގެންވެސް ކިއު ކުޑަކުރެވޭނެގޮތްތައް ހޯދަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ކިއު ކުޑަކުރުމަށްޓަކައި އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅުކޮށް ގިނަ ހިދުމަތްތައް ދެވޭ ގޮތަށް ތަރައްގީ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް ފުޅާކޮށް އާ ހިދުމަތްތަކާއި އާ ފަރުވާތައް ލިބޭނެ ގޮތް ހަދައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder