ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ރައީސް މުއިއްޒު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި


27 އޭޕްރީލު 2025 - 03:44
މާލޭގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަޙުޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޚާއްޞަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ.
"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި އުފެއްދެވި މި ކޮމިޝަނުގެ މަޤްޞަދަކީ މި ހާދިސާއާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއް ކުރުމެވެ. އަދި މި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ޑރ. މުޙައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު (ވ. އަލްމާން) އަދި ޑރ. މުޙައްމަދު ޙަބީބު (ސ. ހިތަދޫ، ސީސަންމާގެ) އެވެ. ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ޑރ. މުޙައްމަދު މުނައްވަރެވެ.
މި ކޮމިޝަނަށް ވަނީ ފުޅާ ދާއިރާއެއްގައި ބާރުތަކާއި އިމްތިޔާޒުތައް ދެއްވާފައެވެ. މީގެ ތެރޭގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ހިމެނެއެވެ. އަދި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، ބޭނުންވާ ލިޔެކިޔުންތަކާއި ހެކި ހޯދުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ލިބިދޭ ބާރުތަކާއި އިމްތިޔާޒުތައް
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
- ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،އެނޫން ވެސް މަޢުލޫމާތު ހޯދުން.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، މި ކޮމިޝަނަކީ ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނެ ކޮމިޝަނެކެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި ހާދިސާއާ ގުޅިގެން، ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ބެލެވޭ ގ. އެރިޔަދޫ، ރައުދު އަޙްމަދު ޒިލާލް ވަނީ ހައްޔަރުކޮށް، އޭނާގެ ބަންދު ފަސް ޖަހާފައެވެ. މީގެ އިތުރުން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އުޅުނު އިތުރު 8 މީހެއްގެ ފޯނު ހިފަހައްޓައި، އެ ފަރާތްތަކުގެ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.
ޔުމްނު ވަނީ އިތުރު ފަރުވާއަށް ރޭ ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން