ޕާޓީ ޑްރަގަކީ ރައްކާތެރި އެއްޗެއް ކަމަށް ހީނުކުރޭ! އެއިން ފުރާނަ ނުރައްކާވޭ!


27 އޭޕްރީލު 2025 - 18:45
ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށް ބުނެ، އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެންޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީ ޑްރަގްސް، ބަނގުރާ އަދި އެހެނިހެން މަސްތުވާތަކެތި ބޭނުންކުރުން ރާއްޖޭގައި ފެތުރިގެން ގޮސްފައިވަނީ އެއީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ. މި ފަހަކަށް އައިސް ޒުވާނުންގެ މެދުގައި މަޝްހޫރުވެގެން ދިޔަ ޕާޓީކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެންޑީއޭއިން ބުނެފައިވާ ގޮތުގައި، ފަރުވާއަށް އެދޭ ގިނަ ޒުވާނުން ޕާޓީ ޑްރަގްސް ބޭނުންކުރަން ފަށާފައިވަނީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފައި، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫންވެސް މަސްތުވާ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަ ގެއްލިދިއުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ," އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެންޑީއޭއިން އިތުރަށް ފާހަގަކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ޕާޓީ ޑްރަގްސްގެ އިތުރުން ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާ ކަންކަން ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މިދިޔަ ފެބްރުއަރީ 25 އިން މާރިޗު 25 އަށް މާލޭ ސަރަހައްދުގައި ހިންގި އައުޓްރީޗް ޕްރޮގްރާމުން ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށް ފާހަގަކުރެވިފައިވާ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.