އަނަސްގެ މަރު: ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމީ ގޯސްކޮށްކަމަށް ކަނޑައަޅައިފި


28 އޭޕްރީލު 2025 - 14:13
މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ބަންދުނުކުރަން ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހު ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ހަމަލާދީ މަރާލި މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ދަޢުވާ އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ އެކި މީހުންގެ މައްޗަށް އުފުލާފައިވެއެވެ.
ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ނިންމީ މި ހަތް މީހުން އެ ކުށުގައި ބައިވެރިވިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ ހަތް މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އެދުނެވެ. ނަމަވެސް ހައިކޯޓުން ނިންމީ އެ ހަތް މީހުން އަލުން ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމާފައިވަނީ ހައިކޯޓުން މި މީހުން ބަންދުނުކުރަން ނިންމީ ޤާނޫނުގައި ނެތް ސަބަބުތަކެއް ދެއްކުމަށްފަހު ކަމަށެވެ. ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގައި ބަލަންޖެހެނީ ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުރިތޯއާއި، ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތްތޯ، އަދި މުޖުތަމަޢަށް ނުރައްކާ އޮތްކަމަށް ބެލުމުގެ ފުރުޞަތު އޮތްތޯއެވެ.
ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މި މީހުންގެ ބަންދާމެދު ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުން އަލުން ގޮތެއް ނިންމުމަށެވެ. މި ނިންމުން ނިންމާފައިވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ އަޣުލަބިއްޔަތުންނެވެ. އެހެންނަމަވެސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ނިންމާފައިވަނީ ހައިކޯޓުގެ ޙުކުމް ރަނގަޅުކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށްވެސް ދަޢުވާކޮށް، އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ޙުކުމެއް ހައިކޯޓުން ކުރިން އުރިން އިއްވާފައިވީނަމަވެސް، އެ ޙުކުމް ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ލުއިކޮށްދެއްވާފައެވެ.
އިތުރު ލިޔުންތައް

ސުޕްރީމް ކޯޓަށް 16 އަހަރު
9 މަސް ކުރިން
މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމު ކޯޓަށް
6 މަސް ކުރިން
އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި
6 މަސް ކުރިން