logo
E-Platinum
ރިޕޯޓް

އުއްތަމަ ފަނޑިޔާރަކަށް ޣަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 07:50
އުއްތަމަ ފަނޑިޔާރަކަށް ޣަނީ

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާއެކު، ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގެ އެންމެ މަތީ މަގާމު މިވަގު އޮތީ ހުސްކޮށެވެ. ނުވަތަ ތިން ބާރުންކުރެ އަދުލުއިންސާފުގެ ބާރުގެ ވެރިޔާގެ މަގާމު އޮތީ މިވަގުތު އޮތީ ހުސްކޮށެވެ.

އެ މަގާމު ހުސްވުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައި ވަނީ އެ ޝަރަފްވެރި މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކާމެދުގައެވެ. އުއްތަމަފަނޑިޔަރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ވެސް ހަމަ އެދުވަހު 21 ޖުލައި 2025 ގައެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން 29 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް މުހުލަތު ދިނެވެ.

އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ތިން ނަމެއް

ޖޭއެސްސީން އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅެކެވެ. އެއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

އުއްތަމަފަނޑިޔާރު ޢައްޔަނުކުރުމުގެ މަރުޙަލާ

އުއްތަމަފަނޑިޔާރު ކަމަށް ބޭފުޅަކު ޢައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. ރައްޔިތުންގެ މަޖިލިހަށް ނަންތައް ފޮނުއްވާއިރު ރައީސް އިސްކަން ދެއްވާ ތަރުތީބު އޮންނާނީ ކަނޑައަޅައިފަ އެވެ.

ޖޭއެސްސީގެ ނިންމުން

ޖޭއެސްސީން ހޮނިހިރު ދުވަހު ކުރި އިންޓަވިއުއަށް ފަހު ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ލަފާއަރުވާފައެވެ. އަދި ރައީސް މިހާރު ވަނީ ޣަނީގެ ނަން މަޖިލީހަށް ފޮނުވާފައެވެ.

ޣަނީ އެ މަގާމަށް ޢައްޔަނުކުރުމަށް މަޖިލީހުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަން ވެސް މިއަދު ވަނީ ފަށާފައެވެ.

އުއްތަމަފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް ރައީސް އަށް ލަފާއެރުވުމަށް މެމްބަރުން މާކްސް ދެއްވާފައިވާ ގޮތަށް ބަލާއިރު އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ އަރުވަން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތެވެ. ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަބްދުﷲ އަށް ލިބިވަޑައިގަތީ "ރިކޮމެންޑެޑް" އެވެ. ޝުޖާއު އަށް ލިބިވަޑައިގަތީ ތިން ވަނައެވެ.

ޣަނީ އަކީ ކޮން ބޭފުޅެއް؟

އުއްތަމަފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް ޖޭއެސްސީގެ މެމްބަރުންގެ "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތް ޣަނީ އަކީ އައު ނަމެއްނޫނެވެ. ޣަނީ އަކީ ތަޖުރިބާކާރު ޢިލްމީ ޤާނޫނީ ބޭފުޅެކެވެ. މާލެއަށް އުފަން، އުމުރުން 57 އަހަރުގެ ޣަނީ އަކީ މިދާއިރާއިން މިހާރުވެސް މީހުން ބިނާކުރައްވަމުން ގެންދަވާ އެދުރެއްވެސް މެއެވެ.

ޣަނީގެ ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، އެއީ ދިގު ލިސްޓެކެވެ. މިވަގުތައް އެކަށޭނަ މިންވަރަކަށް ހިމަނާލާނަމަ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން އެލްއެލްބީ (ހޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް ފުރިހަމަކުރަށްވާފައިވާ ޣަނީ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ސަނަދު ވެސް ހާސިލް ކުރަށްވާފައެވެ. މިހާރު އިސްލާމިކް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްޓިވް ޕޮލިސީ (ޕީއެޗްޑީ) ފުރިހަމަކުރަށްވަމުން ގެންދަވާ ޣަނީ ވަނީ ރާއްޖޭގެ އައިޔޫއެމް އިން ޕޯސްޓް ގްރެޖުއޭޓް އިން ޓީޗިން އާއި މިސްރުގެ ގަލްފް ނައިލު ދަ އިންޓަރނޭޝަނަލް ޓްރެއިނިން ސެންޓަރުން ޑިޕްލޮމާ އިން ކޮމްޕިއުޓިން ފަދަ އެތައް ސަނަދެއް ހާސިލް ކުރަށްވާފައެވެ.

ޣަނީގެ ތަޖުރިބާއަށް ބަލާއިރު، މިވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. ޣަނީ ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ޗީފް ޖަޖުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމާއި، ތިން ފަހަރެއްގެ މަތީން ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޣާޒީކަން ވެސް ކުރަށްވާފަވެއެވެ.

ޣަނީއަކީ އެތައް ދަރިވަރުންތަކެއް ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ތަމްރީންކޮށް އުނގަންވައިދެއްވަމުން އަންނަ އެދުރެއްވެސް މެއެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރަ އެއްގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން ވިލާކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އާއި 2023 ވަނަ އަހަރުން ފެށިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ޣަނީ ގެންދަވަނީ މީހުން ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުންނެވެ.

ޣަނީގެ ޚިދުމަތުގެ ދިގު ތާރީޚްގައި ވަނީ ދާއިރާ އާއި ގުޅުން ހުރި ގިނަ ތަމްރީންތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ފުރިހަމަކުރަށްވާފައެވެ. މިގޮތުން ރާއްޖޭގެ އިތުރުން ސިންގަޕޫރާއި، ކުވައިތާއި، އިންޑިއާއާއި، ސްރީލަންކާއާއި، ޕާކިސްތާނާއި، އިނގިރޭސިވިލާތާއި އަދި ހޮންކޮންގް ފަދަ ޤައުމުތަކުން ޣަނީ ވަނީ ގިނަ ސެމިނަރ،ވޯކްޝޮޕް، ޓްރެއިނިންތައް ފުރިހަމަ ކުރަށްވާފައެވެ.

2008 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަ ޣަނީ އަކީ ރާއްޖޭގައި ހުކުރުކުރުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ.

އިސްވެ ދިޔަ މައުލޫމާތަށް ބަލާއިރު، ޣަނީ އަކީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށް ވަރަށް ޤާބިލު، ތަޢުލީމީ، ތަޖުރިބާހުރި ބޭފުޅެއްކަން ކަށަވަރުވެގެންދެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުލައިގެންދާ މައްސަލަތަކަށް ހައްލު ހޯދޭނީ އެކުގައި މަސައްކަތް ކޮށްގެން - ރިޒާ ޚަބަރު | 9 ގަޑިއިރު ކުރިންއުއްތަމަ ފަނޑިޔާރަކަށް ޣަނީރިޕޯޓް | 10 ގަޑިއިރު ކުރިންއުއްތަމަ ފަނޑިޔާރަކަށް އައްޔަނުކުރަން ޣަނީގެ ނަން މަޖިލީހަށްޚަބަރު | 15 ގަޑިއިރު ކުރިންޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވައިފިޚަބަރު | 16 ގަޑިއިރު ކުރިން